ކޮންމެ އަހަަރެއްގެ ހޫނު ގަދަ ދުވަސް ވަރު، ޝަކުވާ ކުރުމުގެ ބަދަލުގައި ތައްޔާރުވަމާ!

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހުގެ ނިޔަލަށް މި ފަހުގެ އަހަރުތަކުގައި އާދަޔާ ހިލާފަށް ހޫނު ގަދަވެ އެވެ. ދުނިޔޭގެ ޖައްވީ ފިނި ހޫނުމިން ރިކޯޑު ކުރެވެން ފެށީ 1880 ވަނަ އަހ...

04 Mar 2020 | 00:43

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މެއި މަހުގެ ނިޔަލަށް މި ފަހުގެ އަހަރުތަކުގައި އާދަޔާ ހިލާފަށް ހޫނު ގަދަވެ އެވެ.

ދުނިޔޭގެ ޖައްވީ ފިނި ހޫނުމިން ރިކޯޑު ކުރެވެން ފެށީ 1880 ވަނަ އަހަރު އެވެ. އާންމުކޮށް ކޮންމެ އަހަރެއްގެ މިދުވަސްވަރު ރާއްޖޭގެ ފިނިހޫނުމިން އުޅެނީ32 ޑިގްރީ ސެލްސިޔަސްއަށް ވުރެ މަތީގަ އެވެ.

ދުނިޔޭގެ ފިނިހޫނުމިން ރެކޯޑު ކުރަން ފެށި ފަހުން ދުނިޔެއަށް އެންމެ ހޫނު ގަދަ އަހަރެއްގެ ގޮތުގައި ފުރަތަމަ ރެކޯޑު ކުރެވުނީ2015 ވަނަ އަހަރެވެ. އޭގެ ފަހުން އެއްއަހަރުން އަނެއް އަހަަރަށް ހޫނުގަދަވާ މިންވަރު ދިޔައީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ފަސް އަހަރަކީ މިހާތަނަށް ދުނިޔެ އެންމެ ހޫނުވި ފަސް އަހަރުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ކަމަށް ވޯލްޑް މިޓިއޮރޮލިޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ) އިން ބުނެފައިވެ އެވެ.

އެހެން ކަމުން ކޮންމެ އަހަރެއްގެ މި ދުވަސްވަރަށް އެންމެންވެސް ދުރާލާ ތައްޔާރުވާން ޖެހެ އެވެ. އެންމެ މުހިންމު ކަމެއް ދޭން ޖެހެނީ ކަރަންޓު ބޭނުން ކުރުމުގައާއި ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށެވެ. މި ދެކަމަކީވެސް މިއަދު ދިރިއުޅުމާއި ގުޅިފައިވާ ކަންކަމެވެ.

ހޫނު ގަދަވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ހަށިގަނޑުން ފެން މަދުވެ ބޯ އެނބުރުމާއި އަކުނިވަޔަށް ދެމުމާއި ލޮލުގެ މަތީ ފަށަލަ ފިހެވި، ލޮލުގެ އެތެރެއަށް ގެއްލުން ލިބުމާއި ހަންގަނޑު ރަތްވެ ފޮޅުމާއި ކުދި ރަތް ބިހި ނެގުން ހިމެނެ އެވެ.

މިކަންކަމުން ރައްކާތެރިވެ ތިބުމަށް ތިރީގައި އެވާ ފިޔަވަޅުތައް އެޅުމަށް ހޫނު ގަދަ ދުވަސްވަރާއި ދިމާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަބަދުވެސް އިލްތިމާސް ކުރެ އެވެ.

- ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި ބޭރުގައި އެކި ހަރަކާތްތައް ހިންގުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ހޫނު މަޑުވަގުތުތަކުގައި   އެކަން ކުރުން

- އަވީގައި އުޅޭ މިންވަރު މަދުކުރުން

- ކަރުނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން

- ހަކުރު އަދި ކެފެއިން ހުންނަ ބުއިންތަކާ ދުރުވުން

- ބޭރަށް ނިކުންނަ ނަމަ އަވިން ރައްކާތެރިވުމަށް، ޔޫވީ ފިލްޓާ އައިނެއް އެޅުން، ސަންސްކްރީން ލޯޝަން އުނގުޅުމާއި ތޮފި އެޅުމާއި   ގަޔަށް ދޫހެދުން ލުން ހިމެނެ އެވެ.

ދެން އޮތީ ކަރަންޓު ހަރަދު ކުޑަކުރުމެވެ. އެހެން މަސް މަހާ އަޅާ ބަލާއިރު މާޗް މަހާއި އޭޕްރިލް، އަދި މެއި މަހުގެ ކަރަންޓު ބިލު ބޮޑުވާތީ ކޮންމެ އަހަރު އާންމުން އެތައް ޝަކުވާއެއް ކުރެ އެވެ. އޭގެ ހަގީގަތް މިހާރު ކޮންމެ މީހަކަށްވެސް އެނގެންވާނެ އެވެ.

ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ދެ ކުންފުނި ކަމަށްވާ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނުން ބުނީ ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް އާންމުކޮށް ބޭނުން ކުރާ މިންވަރުގައި ކަރަންޓު ބޭނުން ކުރިޔަސްް ބިލަށް1،000 އަށްވުރެ ގިނަ ރުފިޔާ އިތުރުވާނެ ކަމަށެވެ. އެއީ އާންމުކޮށް32 ޑިގްރީ ސެލްސިއަސްގައި ބޭރުގައި ހުންނަ ފިނިހޫނު މިނަކީ ކެތް ނުކުރެވޭހާ ހޫނު ކަމުން ކަރަންޓަށް ބަރޯސާ ވެވޭވަރު ބޮޑުވާތީ އެވެ.

މި މުއްދަތުގައި ކަރަންޓް ބޭނުންކުރާ ވަރު އިތުރުވުމުގެ ސަބަބުން ކަރަންޓް އުފައްދާ ފޯރުކޮށްދިނުމަށް އަހަރުގެ އެހެން މަސްތަކުގައި ކަރަންޓް އުފައްދާ މިންވަރާ އަޅާބަލާއިރު 8.5 ޕަސެންޓް އިތުރަށް ކަރަންޓް އުފައްދަންޖެހެ އެވެ. އާންމުކޮށް ގޭބިސީތަކުގައި ބޭނުން ކުރާ އެއްޗެހީގެ ތެރެއިން ކަރަންޓު އެންމެ ބޮޑަށް ދަމާނީ އޭސީ އާއި އަައިސް އަލަމާރިއަށެވެ.

މިއީ ހޫނުގަދަ ދުވަސްވަރަކަށް ވުމާ އެކު މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ހާއްސަކޮށް ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވާން ޖެހެ އެވެ. އަދި ކަރަންޓް ބޭނުންކުރާ މިންވަރު މަދު ކުރުމަށާއި ކަރަންޓް ހަރަދު ކުޑަކުރެވެން ހުރި ވަސީލަތްތަކުގެ ބޭނުން ކުރުމުގައި ސަމާލުވުމަކީ މި ދުވަސްވަރަށް ތައްޔާރުވުމުގެ ގޮތުން ނުވަތަ މިއީ ދިމާވެދާނެ ހާލަތެެއް ކަމަށް ވިސްނައިގެން ހުރުމަކީ ކުރެވިދާނެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް