ޔާމީންގެ ސަރުކާރުން ފްލެޓް ދިން މީހުންގެ ލިސްޓުތައް ހާމަކޮށް ޝަކުވާއަށް ހުޅުވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި އެކި އެކި މަޝްރޫއުތަކުން ފްލެޓް ދީފައިވާ މީހުންގެ ލިސްޓުތައް އާންމުކޮށްފިއެވެ. މި ލިސްޓްތައް އާންމު ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު...

04 Mar 2019 | 16:19

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދައުރުގައި އެކި އެކި މަޝްރޫއުތަކުން ފްލެޓް ދީފައިވާ މީހުންގެ ލިސްޓުތައް އާންމުކޮށްފިއެވެ.

މި ލިސްޓްތައް އާންމު ކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އެކުލަވާލެއްވި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީންނެވެ. ލިސްޓު ތައް އާންމުކޮށް އެ ކޮމިޓީން ވަނީ ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެ ކޮމިޓީން ބުނެފައިވަނީ "ހިޔާ" މަޝްރޫޢު އާއި، "ގެދޮރުވެރިކުރުން" މަޝްރޫޢު އާއި، "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެ މަޝްރޫޢުތަކުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ގޮތް މުރާޖަޢާކޮށް، އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ފްލެޓްތައް ޙައްޤުވާ އެންމެހައި ފަރާތްތަކަށް ފްލެޓް ލިބޭނެގޮތް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ކޮމިޓީގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާއިރު، މި ކޮމިޓީގެ މަސައްކަތްތައް އިތުރަށް ފުރިހަމަކަމާއެކު ރައްޔިތުންގެ ބައިވެރިކުރުމާއެކު ކުރިއަށްގެންދިޔުމުގެ ގޮތުން، ޢާންމުންގެ ޝަކުވާ މި ކޮމިޓީއަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ވަނީ ނިންމާފައި ކަމަށާއި އެގޮތުން، މިއަދުން ފެށިގެން، މި މަހުގެ 25 ވަނަ ދުވަހުގެ 14.00 ގެ ނިޔަލަށް ޢާންމުންގެ ޝަކުވާ ހުށަހެޅުއްވުމަށް ހުޅުވާލާކަމަށެވެ.

ބުނެފައިވަނީ މި މުއްދަތުގައި، ސިޓީ، އީމެއިލް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެ ކަމަށާއި ޝަކުވާ ހުށަހަޅަނީ ސިޓީއަކުންނަމަ، "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އަށް އެޑްރެސްކޮށް، ސިޓީ ފޮނުވާނީ ރައިސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަމަށެވެ. އަދި އީ-މެއިލް މެދިވެރިކޮށްނަމަ، އީ-މެއިލް ފޮނުވާނީ [email protected] އަށް ކަމަށާއި އަދި އެސް.އެމް.އެސް އިން ނަމަ ހުށަހަޅާ ޝަކުވާ ހުށަހަޅުއްވާނީ 7761108 މި ނަންބަރަށް ކަމުގައިވެސް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ޝަކުވާ ހުށަހަޅަނީ "ހިޔާ" މަޝްރޫޢު އާއި، "ގެދޮރުވެރިކުރުން" މަޝްރޫޢު އާއި، "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ގެ ދަށުން ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅި ފަރާތެއްގެ ހައިސިއްޔަތުން، ނުވަތަ އެ މަޝްރޫޢުތަކުގެ ދަށުން ބޯހިޔާވަހިކަން ލިބުނު ފަރާތެއްގެ ހައިސިއްޔަތުން ކަމުގައިވާނަމަ، އެކަން ބަޔާންކޮށް، ތިރީގައިވާ މަޢުލޫމާތު ހިމެނޭ ގޮތަށް ހުށަހެޅުން އެދޭ ކަމަށެވެ.

އެގޮތުން

މަޝްރޫޢުގެ ނަން:

ފްލެޓަށް އެދިފައިވާ ފޯމު ނަންބަރު:

ފުރިހަމަ ނަން:

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:

ދާއިމީ އެޑްރެސް:

މީގެ އިތުރުން، ކޮމިޓީގެ މަސައްކަތްތައް ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުންނާއި، ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، "ހިޔާ" މަޝްރޫޢު އާއި، "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނުކަމަށް ނުވަތަ ހަވާލުކޮށްފައިވާކަމަށް އެ މަޝްރޫޢުތައް ހިންގުމާއި ހަވާލުވެފައިވާ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ ފަރާތްތައް އެނގޭނެ ތަފްސީލީ ލިސްޓުތައް، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެ ކަމުގައިވެސް ބުނެފައިވެއެވެ.

ލިސްޓުތައް ފެންނާނެ ލިންކު ތިރީގައި އެވަނީއެވެ.

  https://presidency.gov.mv/Downloads/dv/47

އެ ކޮމިޓީން އިތުރަށް ބުނެފައިވަނީ މި ލިސްޓުތަކުގެ ތެރެއިން "ހިޔާ" މަޝްރޫޢުގެ އެކި ކެޓަގަރީތަކުގެ ލިސްޓުތަކުގައި ހިމެނިފައިވާ ފަރާތްތަކުގެ މަޢުލޫމާތަކީ، އެއިން ކޮންމެ މަޝްރޫޢަކާއި ގުޅޭ ޑޭޓާބޭސްއިން ނަގާފައިވާ މަޢުލޫމާތުތަކެއް ކަމަށާއި މި ލިސްޓުތަކުގައިވާ ބައެއް ފޯމް ނަންބަރު ނިސްބަތްވާ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަވެފައިނުވަނީ، އެ ފޯމް ނަންބަރު ނިސްބަތްވާ ފަރާތްތަކުގެ މަޢުލޫމާތު "ހިޔާ" މަޝްރޫޢުގެ ޑޭޓާބޭސްގައި ނެތުމުގެ ސަބަބުން ނުވަތަ ކުރިން ޢާންމުކޮށްފައިވާ ލިސްޓުގައި ފޯމު ނަންބަރު ޖެހުމުގައި ކުށެއްވާކަމަށް، ކޮމިޓީއަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ. އަދި "ހިޔާ" މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޚާއްޞަކޮށްފައިވާ ކެޓަގަރީއާ ގުޅިގެން، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ކޮމިޓީގެ ފަރާތުން ފަހުގެ ތާރީޚެއްގައި ޢާންމުކޮށް ހުޅުވާލާނެކަމުގައި ދަންނަވާކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް