އަންނަ އެޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފީއަކާއި ނުލާ މާލެ ސިޓީގައި އިޝްރިހާރު ހަރުކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ދީފިއެވެ. ކެންޑިޑޭޓުންނަށް ހުއްދަ ދީފައިވާ ކަމަށް ހާމަކޮށްފައިވަނީ އެ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައެވެ.
މި އިއުލާނުގައި ވާ ގޮތުން، ހުއްދަ ނުނަގާ އިޝްތިހާރު ހަރުކޮށްފިނަމަ 1000 ރުފިޔާ އާއި 2000 ރުފިޔާގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އިޝްތިހާރު ނަގަންޖެހޭ މުއްދަތައް ނުނަގައިފިނަމަ ކޮންމެ ދުވަހަކަށް 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް މި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އިޝްތިހާރު ހަރުކުރުމަށް ހުށަހަޅާއިރު މަޖިލިސް އިންތިޚާބުގެ މެންބަރެއްކަން އިނގޭނެހެން އިލެކްޝަންސް ކޮމިޝަންގެ ލިޔުމަކާއި، ހަރުކުރަން އެދޭ އިޝްތިހާރެއްގެ ކުލަ ކޮޕީ ހުށަހަޅަންވާނެ ކަމަށް މި އިއުލާނުގައި ހާމަކޮށްފައިވެއެވެ. ދީނާ ގުޅުންހުރި އިޝްތިހާރެއް ނަމަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހުއްދަ ނެގުމަށްފަހު އޭގެ ކޮޕީއެއް ހުށަހެޅުމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ދަމާފައިވާ ބެނާއެއް ނުވަތަ އިޝްތިހާރުގެ ސަބަބުން އާންމު ރައްޔިތަކަށް އުނދަގުލެއް ވެއްޖެނަމަ އޭގެ ޒިންމާ އެ ކެންޑިޑޭޓަކު ނަގަން ޖެހޭނެކަމަށާއި، އަމިއްލަ ފަރާތެއްގެ އިމާރާތެއްގައި އިޝްތިހާރު ހަރުކުރާނަމަ އެފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުމުގެ ކޮޕީއެއް ހުށަހެޅުމަށް ވަނީ އިއުލާންކޮށްފައެވެ. އަދި ހުއްދަ ދޫކުރިކަމުގެ ލޮކޭޝަންތައް ނުވަތަ ހަރުކުރަން ހުއްދަދިން ގޮތް އެނގެން އޮންނަންވާނެކަމަށްވެސް މި އިއުލާނުގައި ވަނީ ހާމަކޮށްފައިވެއެވެ.
މި އިއުލާނުގައި އިޝްރިހާރު ހަރުނުކުރެވޭނެ ތަންތަންވެސް ވަނީ ހާމަކޮށްފައެވެ. މީގެތެރޭގައި ދައުލަތުގެ އިމާރާތްތަކާއި، ސަރުކާރުގެ ތަންތަނުގެ މަގުމަތީ ފާރުގައާއި، ސަހަރާތަކުގައާއި ޕާކުތަކުގައާއި، ޔޫޓިލިޓީ ޚިދުމަތް ދިނުމަށް މަގުމަތީ ހަރުކޮށްފައިވާ ފޮށިތައް ހިމެނެއެވެ. އަދި މަގުމަތީ ބަހައްޓާފައިވާ ޑަސްބިންތަކާއި، ގަސްއިންދުމަށް މަގުމަތީ ޖަހާފައި ހުރި ފެންސްތަކުގައި އިޝްތިހާރު ހަރުކުރުމަކީ މަނާކަމެއްކަމަށް މި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މިސްކިތްތަކުގައި ތިބޭ މީހުންނަށް ފެންނަގޮތައް އިޝްތިހާރުހަރުކުރުމާއި، މަގުމައްޗާއި މަގުމަތީ ހުންނަ އެއްޗިއްސާއި ވެހިކަލްތަކަށް އުނދަގޫވާނެހެން އެއްވެސް އިޝްތިހާރެއް ބެހެއްޓުން ނުވަތަ ހަރުކުރުމަކީ މަނާ ކަމެއްކަމަށް މި އިއުލާނުގައި ހާމަކޮށްފައިވެއެވެ.
ގޭގޭގެ ފާރުގައާއި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގައި އިޝްތިހާރު ހަރުކުރަންވާނީ ހުއްދަ ނަގައިގެންކަމަށާއި ، އިންތިޚާބު ނިމުން އެތަންތަނުން އިޝްތިހާރު ނަގައި ސާފު ކުރަންޖެހޭނެކަމަށްވެސް މި އިއުލާނުގައި އިތުރަށްޝަރުތުކޮށްފައިވެއެވެ.
އަންނަ މަޖިލިސް އިންތިޚާބަށް ޖުމްލަ 394 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް