ވޯލްޑް ކަޕުގައި ވީއޭއާރ އަދި 4 ވަނަ ބަދަލު ބޭނުންކުރަން ރަސްމީކޮށް ނިންމައިފި!

މި އަހަރު ރަޝިޔާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ގައި "ވީޑިޔޯ އެސިސްޓެންޓް ރެފްރީސް" ބޭނުން ކުރުމަށާއި، ހަތަރު ވަނަ ބަދަލެއް ގެނެވޭ ޤަވާޢިދަށް ޢަމަލު ކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ނ...

04 Mar 2018 | 07:02

މި އަހަރު ރަޝިޔާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ގައި "ވީޑިޔޯ އެސިސްޓެންޓް ރެފްރީސް" ބޭނުން ކުރުމަށާއި، ހަތަރު ވަނަ ބަދަލެއް ގެނެވޭ ޤަވާޢިދަށް ޢަމަލު ކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ނިންމައިފިއެވެ. ފީފާއިން މިގޮތަށް ނިންމީ "އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ)" ގެ 132 ވަނަ ބައްދަލުވުމުގައި އެކަމަށް ހުއްދަ ދިނުމާއެކުގައެވެ.

ފީފާއިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ފާއިތުވި 3 އަހަރުގެ ތެރޭގައި ވަނީ އެކިއެކި މުބާރާތްތަކުގައި ވީއޭއާރ އަދި 4 ވަނަ ބަދަލު ގެނެވޭ އުސޫލު ތަޖުރިބާ ކުރުމުގެ ގޮތުން ބޭނުން ކޮށްފައެވެ. އަދި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގައި މި ދެ ޤަވާޢިދަށް އަމަލުކުރުމަށް ފީފާއިން ނިންމާފައިވާއިރު، ކުރިއަށް އޮތްތަނުގައި ފީފާއިން ބާއްވާ ހުރިހާ މުބާރާތްތަކެއްގައި ވެސް މި ޤަވާޢިދުތަކަށް ޢަމަލުކުރާނެއެވެ.

ދުނިޔޭގެ ބޮޑެތި ލީގުތަކާއި، އެކިއެކި މުބާރާތްތަކުގައި މިހާރު ވެސް ވީއޭއާރ ބޭނުން ކުރަމުން އަންނައިރު، ފީފާއިން ވީއޭއާރ ބޭނުން ކުރާނީ 4 ޙާލަތެއްގައެވެ. އެއީ ބޯޅަ ގޯލު ރޮނގު ހުރަސް ކުރިތޯ ނުވަތަ ނޫންތޯ (ގޯލެއްކަން ނުވަތަ ނޫންކަން) ޔަގީން ކުރަން ބޭނުންވާ ހާލަތްތަކުގައި ޕެނަލްޓީއެއް ދޭން ޖެހޭތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ ވަގުތުތަކުގައި، ސީދާ ރަތްކާޑެއް ދެއްކުމުގެ ކުރިން ޔަގީން ކުރަން ބޭނުންވާ ހާލަތުގައި އަދި ވަކި ހާލަތެއްގައި ވަކި އަމަލެއް ކުރި ކުޅުންތެރިއަކު ޔަގީންނުވެ، އެ ކުޅުންތެރިއަކު ދެނެގަންނަން ބޭނުން ވެއްޖެނަމައެވެ.

މީގެ އިތުރުން 4 ވަނަ ބަދަލެއް ގެނައުމުގެ އުސޫލަށް އަމަލު ކުރަން ނިންމާފައިވާއިރު، 4 ވަނަ ބަދަލެއް ގެނެވޭނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހިއްޖެ ނަމައެވެ. އެހެންކަމުން، ވޯލްޑް ކަޕުގައި ގްރޫޕް ސްޓޭޖް ނިމި، ނޮކްއައުޓް މެޗުތައް ފެށޭ ހިސާބުން އެކްސްޓްރާ ޓައިމް ކުޅެން ޖެހިއްޖެނަމަ 4 ވަނަ ބަދަލެއް ގެނައުމުގެ ފުރުސަތު އެ މެޗު ކުޅޭ 2 ޓީމަށް ވެސް އޮންނާނެއެވެ.

ފީފާގެ މިހާރުގެ ރައީސް ޖިއާންނީ އިންފަންޓީނޯގެ ބާރުއެޅުމާއި، ފުރިހަމަ ތާޢީދާއެކު މި އުސޫލުތައް ބޭނުންކުރަން ފަށާއިރު، މިކަމުގެ ސަބަބުން މުބާރާތް އިންސާފުވެރިވުމަށާއި، ކުޅުންތެރިންގެ ޞިއްޙަތަށް އެކަށީގެންވާ އިތުރު ފައިދާތަކެއް ލިބުމަށް މަގުފަހި ވާނެކަމަށް ގިނަ ތަޖުރިބާކާރުން ދެކެއެވެ.be

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް