ވެރިކަންކުރާ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އާއި އެ ޕާޓީގެ ސްޕޯކްސްޕާސަން އަލީ އާރިފް އާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ޖުމްހޫރީ ޕާޓީއާއި ގުޅެން އާދޭސް ކުރަމުން އަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ވީޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި އެވެ.
ގާސިމް ވިދާޅުވީ އެ ބޭފުޅުންނަކީ ރައީސް ޔާމީން ގެންގުޅުއްވާ "ތާޅަފިލިތަކެއް" ކަމަށާއި އެމަނިކުފާނާއި ބެހޭގޮތުން ވާހަކަފުޅުތައް ދައްކަވަނީ ރައީސް ޔާމީން އަންގަވައިގެން ކަމަށް އެބޭފުޅުން ގާސިމްގެ އަރިހުގައި ދަންނަވާ ކަމަށެވެ.
ރޭގެ އިންޓަވިއުގައި ގާސިމް އިބްރާޙިމް ވިދާޅުވީ ވިޔަފާރި ބަނގުރޫޓުވުގެ ސަބަބުން އެމަނިކުފާނު އިސްލާހީ ހަރަކާތްތަކާ ފެއަށް ޖެހިވަޑައިގެންފި ކަމަށް ވިދާޅުވެ ޕީޕީއެމްގެ ބައެއް ބޭފުޅުން ދައްކަވަމުން ގެންދަވަނީ ކަނޑައެޅިގެން ރޯދޮގު ވާހަކަތަކެއް ކަމަށެވެ.
ގާސިމް ވިދާޅުވީ އެބޭފުޅުން ރައީސް ޔާމީންގެ އުނދަގޫ ބޮޑެވެގެން ގާސިމްގެ ގާތުގައި ކިޔާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި ޖޭޕީއަށް ގެންދެބަލާށޭ ކިޔާތާވެސް ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ.
"އެބޭފުޅުން ކޮންމެ ފަދަ އެއްޗެއްވެސް ކިޔާފާނެ. ތާޅަފިލިތަކެއް. އެއީ ތެދު ވާހަކައެއްނޫން، އަދުރޭ ދައްކާ ވާހަކަ ކުޑަކުއްޖެއްވެސް ގަބޫލެއް ނުކުރާނެ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ނުހައްގުން އަނިޔާ ކުރަމުންދާ ސަރުކާރެއްގައި ދުވަހަކުވެސް ނުހުންނަވާނެ ކަމަށާއި އިސްލާހީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. ސަރުކާރުން އެމަނިކުފާނުގެ ހުރިހާ ދަރިން ޖަލަށްލައި، ވިޔަފާރި ހަލާކުކޮށްލިޔަސް، އެއީ ރާވައިގެން ކުރާ ކަމެއްކަން އެންމެނަށްވެސް އެނގޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް