ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ކެރެލާއަށް ނުކުރުމަށް އަންގައިފި

ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް ދާ އިންޑިއާގެ ކެރެލާ ސްޓޭޓްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ދިވެހިން ދަތުރު ކުރުމުގައި ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށ...

04 Feb 2020 | 18:23

ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް ދާ އިންޑިއާގެ ކެރެލާ ސްޓޭޓްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ދިވެހިން ދަތުރު ކުރުމުގައި ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެ ސްޓޭޓްގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާނު ކުރީ ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިފައިވާ ތިން މީހަކު ފެނުމުންނެވެ. އެ ތިން މީހުންނަކީވެސް ޗައިނާގެ ވޫހާން ސިޓީގައި މެޑިސިން ކިޔަވަމުންދާ އިންޑިއާ ދަރިވަރުންނެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ސްޓޭޓުގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާހާ ދުވަހަކު ދިވެހިން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ އެ ސްޓޭޓްގެ ސިޓީތަކަށް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެ މިނިސްޓްރީން ވަނީ މިފަދަ ދަނޑިވަޅެއްގައި އިންޑިއާގައި ދިރިއުޅޭ ނުވަތަ ގޮސްތިބި ހުރިހާ ދިވެހިންގެ މައުލޫމާތު ސަރުކާރާއި ހިއްސާކުރުމަށް އެދިފަ އެވެ. މިނިސްޓްރީންް ބުނީ ފޮރިން މިނިސްޓްރީ، ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން ނުވަތަ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލްގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން އިންޑިއާ ސަރުކާޜުން މިފަދަ ދަނޑިވަޅެއްގައި ދެމުންދާ އިރުޝާދުތަކަށް އަމަލު ކުރުމަށް ދިވެހިންނަށް އިލްތިމާސްކޮށްފައިވެ އެވެ.

ކެރެލާ ސްޓޭޓްގެ ވެރިރަށް ޓްރިވެންޑްރަމް އާއި އެ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ކޮޗިން އަކީ ދިވެހިން އެންމެ ގިނައިން ބޭސްފަރުވާއަށް ދާ ދެ ސިޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް