ނަފްސާނީ މައްސަލަތެއް ހުންނަ ފިރިހެން ކުއްޖަކު ކުރީގެ ޑިސްއެބިލިޑީ އެމްބެސެޑަރު އަހުމަދު ހިޝާންގެ ބެލެނިވެރިކަމުގެ ދަށުގައި ހުރީ ފެމެލީ ކޯޓުގެ ހުކުމަކާއި ހިލާފަށް ކަމަށް ބުނެ ހައިކޯޓުން ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.
ފެމިލީ ކޯޓުން2017 ވަނަ އަހަރު ކުރި އެ ހުކުމުގައި ހިޝާންއަށް އެ ކުއްޖާގެ ބެލެނިވެރިކަން ނުދެވޭނެ ކަމަށް ހުކުމް ކުރިނަމަވެސް ސަބަބެއް ބުނެދީފައެއް ނުވެ އެވެ. ހުކުމުގައި ބުނެފައިވަނީ އެގޮތަށް ހުކުމް ކުރީ ދައުލަތުން ހިޝާން އާއި ގުޅޭގޮތުން ހުށަހެޅި އެސެސްމެންޓް ރިޕޯޓެއްގެ މައްޗަށް ބަލައި ކަމަށެވެ.
އެހެންވެ ހިޝާންގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މިއަދު އިސްތިއުނާފު އަޑު އެހުމެއް އޮތް ނަމަވެސް ހިޝާން އަދި އެ ކުއްޖާގެ މަންމަ ހާޒިރުވެފައެއް ނުވެ އެވެ.
މިހާރު18 އަހަރުވެފައިވާ އެ ކުއްޖާ ހިޝާން އާއި ހަވާލު ކޮށްފައިވަނީ އާއިލާގެ ރުހުމާއި އެކު އެވެ. ފަހުން ޖެންޑަ މިނިސްޓްރީން އެ ކުއްޖާ އާއިލާ އާއި ހަވާލު ކުރަން އުޅުމުން ހަވާލުވާނެ މީހަކު ނުވިމަމަށް ވެ އެވެ.
މިއަދުގެ ޝަރީއަތަށް ވަތް ނޫސްވެރިން ބުނީ އެ ދެ މީހުން ޝަރީއަތަށް ހާޒިރު ނުވާތީ ޝަރީއަތް ބާތިލް ކަމަށް ނިންމި ކަމަށެވެ. އެކަމަކު ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ޝަރީއަތަށް ހާޒިރުވި ޖެންޑާ މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުންނާއި ސުވާލުކޮށްފަ އެވެ.
އެގޮތުން މިހާރު ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ހިޝާން އާއި އެ ކުއްޖާގެ ބެލެނިވެރިކަން ހުކުމަކާއި ދެކޮޅަށް ހަވާލު ކުރުމުން އެކަމަށް ފިޔަވަޅު ނޭޅި ކީއްވެތޯ ސުވާލުކުރެއްވި އެވެ. އަދި އެ ކުއްޖާގެ ރަޖިސްޓްރީވެސް މިހާރު ހިޝާންގެ ގެއަށް ބަދަލު ކޮށްފައިވާ ކަމަށް ޝަރީއަތުން ވިދާޅުވި އެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅިފައިވަނިކޮށް ހިޝާންއާ ގުޅޭ ގޮތުން ނުބައި ކަންކަން ފާހަގަވާން ފެށުމުން ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނެސް މައްސަލައަށް ތަދައްހުލްވާން އެންގެވިކަން ފަނޑިޔާރު ނިޔާޒު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެކަމަށް ޖެންޑާ މިނިސްޓްރީއިން ޖަވާބެއް ނުދީ އެތައް ދުވަހެއް ހޭދަ ކުރީ ކީއްވެގެންތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.
ޖެންޑަ މިނިސްޓްރީގެ ވަކީލު މިއަދު ވިދާޅުވީ އެކަން ސަމާލުކަމަށް ގެނެސް އޭޖީ އޮފީހާއި އެކު މަޝްވަރާ ކުރެވެމުން ދަނިކޮށް ހިޝާން ޑިސްއެބިލިޓީ އެމްބެސެޑަރަކަށް އައްޔަން ކުރިކަން ރައީސް އޮފީހުން އެންގުމުން އެ މަޝްވަރާތައް ހުއްޓާލީ ކަމަށެވެ.
ފަނޑިޔާރު ނިޔާޒު ވިދާޅުވީ ހައިކޯޓުން ހިޝާންއާ ގުޅޭ ޝަކުވާތައް ލިބޭތީ އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވަނިކޮށް އޮނަރީ ލަގަބެއް އެރުވުމުން ހައިރާންވި ކަމަށެވެ. އެފަދަ މަގާމުތަކާއި ލަގަބުތައް އަރުވާއިރު ރަނގަޅަށް ބަލައި އެސެސްމެންޓްތައް ހެދުމަކީ ދައުލަތުގެ ޒިންމާއެއްކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
މި ހުރިހާ ދުވަސްވީއިރު ވެސް ކުއްޖާ ހުރީ ހިޝާންގެ ގޭގައިކަން ކޯޓަށް އެނގިފައިވާ ކަމަށާއި އެހާ ސީރިއަސް ތުހުމަތުތަކެއް ކުރެވޭއިރު، އަދި ދައުލަތުގައި އެކަމާ ގުޅޭ ރިޕޯޓްތައް ހުރިއިރު އެ ކުއްޖާ އެފަދަ މީހެއްގެ ހަވާލުގައި ހުރުމުން އަޅާނުލެވި ހުރީ ކީއްވެގެންތޯ ތަކުރާރުކޮށް ފަނޑިޔާރު ޖެންޑާ މިނިސްޓްރީއާ ކުރި އެވެ.
ހިޝާންގެ މައްޗަށް ކުރަނީ ފިރިހެން ކުދިންނާއި ނުކުޅެދޭ ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެވެ.
ފެމެލީ ކޯޓުގައި ބެލެނިވެރިކަން ބަދަލު ކުރުމުގެ މައްސަލަ ކުރިއަށް ދިޔައިރު ވެސް ހިޝާން ހުންނެވީ ޑިސްއޭބިލިޓީ އެމްބެސެޑާގެ މަގާމުގަ އެވެ. އެކަމަކު އޭނާގެ މަގާމުގެ ދައުރު ހަމަވުމުން އެ މަގާމު އަލުން ދީފައެއް ނުވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކިރިޔާވެސް ޝަކުވާއެއް ނުވަތަ ތުހުމަތެއް އުޅޭނަމަ އެމްބެސެޑާގެ މަގާމު ނުލިބޭނެ ކަމަށް ގަވައިދު ބަދަލުކުރުމަށްފަހު އެގޮތަށް ހަމަޖެއްސީ ކުރީގެ ޖެންޑާ މިނިސްޓަރު ޖެނީޝާ ޝަހީދު ޒަކީ އެ މަގާމުގައި ހުންނެވި އިރު އެވެ. ހިޝާންއަށް އޮނަރީ މަގާމެއް އެރުވީ މި ސަރުކާރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް