ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ޖިނާއީ ކުށަކަށް ހަދަން ހުށަހަޅައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ޖިނާއީ ކުށަކަށް ހަދަން މަޖިލީހަށް އިސްލާހު ހުށަހަޅައިފި އެވެ. މި އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހަމޫދެވެ. އޭނާ އިސްލާހު ހު...

04 Feb 2020 | 09:55

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ޖިނާއީ ކުށަކަށް ހަދަން މަޖިލީހަށް އިސްލާހު ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހަމޫދެވެ. އޭނާ އިސްލާހު ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުންނެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހުގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އަމަލުތައް ދިވެހި މުޖުތަމައުގައި ގިނަވެފައިވާއިރު އެ ކުދިންނަށް ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޖިންސީ ގޯނާގެ އަމަލުތައް މަދު ކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ބަޔާން ކުރާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ޖިންސީ ގޯނާގެ އަމަލުތައް ހިމަނަން ހުށަހެޅީ ކަމަށެވެ.

ޖީހާން ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި ކުޑަކުދިންނަށް ހާއްސަ ރައްކާތެރިކަމާއި ހިމާޔަތް ދިނުމަކީ އެ ކުދިންނަށް ލިބިގެންވާ ހައްގެއް ކަމުގައި ވިޔަސް އެ ހައްގު ކަށަވަރު ނުވާ ކަމަށެވެ.

މިހާރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޖިނާއީ ބޮޑު ކުށްތަކުގެ ގޮތުގައި 11 ކުށެއް ހިމަނާފައި ވާއިރު އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށެއް ނުހިމެނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މެދު މުޅި ރާއްޖެ ހޭލައި މުހިންމު ފިޔަވަޅުތަކެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އަޅަންފަށާފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވުމުންނެވެ. އެ މައްސަލައިގަ ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރަނީ ކުއްޖާގެ ކާފަ އާއި މުނިކާފަ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް