ސިޔާސީ ބޭނުމަށް ތަފާތު ފިޔަވަޅުތައް އަޅައި، ވަޒީފާގެ ބިރުދައްކައި ހެދުމުގެ އިތުރުން ވަޒީފާއިން ވަކިކުރުން ފަދަ އަމަލުތަކަށް ނިމުމެއް ނައިސް، އެފަދަ ކަންބޮޑުވުންތަކުގެ މައުލޫމާތު ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށާއި އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމުގައި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ލޭބަރ ޕާޓީ) އިން ބުނެފިއެވެ.
އެޕާޓީއިން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
"މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އެންމެ މުހިއްމު ބިންގަލަކީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމާއި، އިޖްތިމާއީ އަދާލަތު ގާއިމްކޮށް ދިނުން ކަމުގައި ވާހިނދު ގާނޫނާއި ހިލާފަށް މަސައްކަތްތެރިން ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ބިރުދެއްކުން ކުރިމަތިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ސިޔާސީ ސަބަބުތަކަށްޓަކައި ނަމަވެސް ހިނގަމުންދާ މިފަދަ ގާނޫނާއި ހިލާފު އަމަލުތަކަށް ފުރުސަތު ނުދިނުމަށް އެންމެހާ މަސައްކަތްތެރިން އެކުވެރިވެ އެކަތިގަނޑަކަށްވެ މަސައްކަތްތެރިންގެ ޔޫނިއަންތައް އުފެއްދުމަށް މި ޕާޓީއިން ގޮވާލަމެވެ. އަދި އެއްވެސް ފަރާތަކަށް ގާނޫނާއި ހިލާފަށް ނުހައްގުން ފިޔަވަޅެއް އަޅައި، ވަޒީފާއިން ވަކިކޮށްފައިވާނަމަ، އެފަރާތެއްގެ ހައްގުތައް ހޯދުމުގައި މަގުދައްކައި، ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މި ޕާޓީއިން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ވާހަކަ ދައްނަވަމެވެ." އެ ޕާޓީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެފަދަ ކަންބޮޑުވުންތަކާއި ޝަކުވާތައް އެ ޕާޓީއާއި ހިއްސާކޮށް، މި ޕާޓީގެ އެހީތެރިކަމަށް އެދިލައްވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ މި ޕާޓީގެ ހޮޓްލައިން ނަމްބަރު 7476000 އަށް ގުޅުއްވައިގެން މައްސަލައާއި ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް އެދި ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް