"އެކްޓިވް ވޯކް ޕްލޭސް" ހަރަކާތް ނައިބު ރައީސް އިފްތިތާހް ކޮށްދެއްވައިފި

ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ތަޢާރަފުކުރާ "އެކްޓިވް ވަރކްޕްލޭސް" ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހެނދުނު ރަސްމީކޮށް އ...

04 Feb 2019 | 07:20

ކެންސަރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ތަޢާރަފުކުރާ "އެކްޓިވް ވަރކްޕްލޭސް" ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ހެނދުނު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ.

މިކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ދުނިޔޭގެ ކެންސަރުބަލީގެ ދުވަސް ފާހަގަކުރަމުންދާއިރު  މި ބަލިޖެހެމުންދާ މީހުން އިތުރުވަމުން އަންނާތީ މިބަލިން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމަށާއި،  ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ކޮންމެ ދުވަހަކު ކަސްރަތުކޮށް ހެލިފެލިވެ އުޅުމަށާއި ޞިއްހަތަށް ގެއްލުންހުރި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢެއް ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެއްކަން ފާހަގަކުރައްވައި އެކަމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަމެއްދެއްވާ ކަމެއްކަމަށާއި، އެކަމުގައި ރައީސުލްޖުމްހޫރިއްޔާ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާކަންވެސް ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން "އެކްޓިވް ވަރކްޕްލޭސް" ފަދަ ހަރަކާތެއް ކެންސަރ ސޮސައިޓީން ކުރިއަށް ގެންގޮސްދެއްވިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް