ސްޕެނިޝް ލީގުގައި ވެލެންސިއާ އާއި ބާސެލޯނާ ކުޅުނު މެޗު އެއްވަރުވުމުގެ ފައިދާ ނަގައި، ބާސާއާ އޮތް ފަރަގު ކުޑަކުރަން އެތުލެޓިކޯއަށް ލިބުނު ފުރުސަތު އެ ޓީމުން ނަގާލިއިރު، ވާދަވެރި ރެއާލް މެޑްރިޑް، ޒުވާން ވިނީޝިއަސްގެ ޖާދުލާއެކު މޮޅުވެއްޖެއެވެ.
ރޭ ރެއަލް ބެޓިސް އާ ދެކޮޅަށް ނުކުތް އެތުލެޓިކޯ ވަނީ 1-0 ގެ ނަތީޖާއިން ބަލިވެފައެވެ. ރެއާލް މެޑްރިޑް، ޑީޕޯޓިވޯ އަލަވޭސް އަތުން މޮޅުވީ 3-0 ގެ ނަތީޖާއިންނެވެ. މި މޮޅާއެކު ރެއާލް މި ވަގުތު ލީގު ތާވަލުގެ 3 ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތް ފަރަގު ވަނީ 2 ޕޮއިންޓަށް ކުޑަވެފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯއަށް ނުރައްކާތެރި ހަމަލާތަކެއް ނުއުފެއްދުނުއިރު، ރެއާލް ބެޓިސްގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. މުޅި މެޗުގައި ވެސް ބެޓިސް އިން ދެ އަރިމަތި ބޭނުންކޮށްގެން އަވަސް ކައުންޓަރ އެޓޭކްތަކެއް އުފައްދަން މަސައްކަތް ކުރިއިރު، މެޗުގެ ކުރީކޮޅު އެ ޓީމުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އެތުލެޓިކޯގެ ކީޕަރ އޮބްލަކް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ. ފުރަތަމަ ހާފުގައި އެތުލެޓިކޯއަށް ގޯލަށް އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.
އެތުލެޓިކޯއަށް ބެޓިސްގެ މައްޗަށް ގަދަނުވެވުނުއިރު، ދެ ވަނަ ހާފުގައި ބެޓިސް އިން ވަނީ ލިބުނު ޕެނަލްޓީ އަކުން ލަނޑު ޖަހައި މެޗުން 3 ޕޮއިންޓް ހޯދާފައެވެ. 65 ވަނަ މިނިޓުގައި ބެޓިސްއަށް މި ޕެނަލްޓީ ލިބުނީ އެތުލެޓިކޯގެ އޭރިޔާގެ ތެރެއިން އެ ޓީމްގެ ޑިފެންޑަރ ފިލިއްޕޭ ލުއިސް ބޯޅައިގައި އަތްލުމުންނެވެ. ބެޓިސްއަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ކަނަލޭސް އެވެ.
މެޗުގެ ފަހުކޮޅު ގްރީޒްމަން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި ނަމަވެސް، އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަ ކޮށްލެވޭގޮތެއް ނުވިއެވެ.
ރެއާލް މެޑްރިޑުން ރޭގެ މެޗުގައި އަލަވޭސް އަށް ފުރުސަތެއް ނުދީ މެޗު ފެށުނީއްސުރެ މޮޅަށް ކުޅުނުއިރު އެ ޓީމަށް ގޯލު ހުޅުވާލަދިނީ ކަރީމް ބެންޒެމާއެވެ. މެޗުގެ 30 ވަނަ މިނިޓުގައި ވިނީޝިއަސް ސެބެޔޯސް އާއެކު އަވަސް ވަން-ޓޫ އެއް ހެދުމަށްފަހު ބާރު ދުވެލީގައި އަރިމަތިން ދެމިގަނެ ރެގުއިލޮންއަށް ބޯޅަ ދިނުމުން އޭނާ ހުރަސްކޮށްލި ބޯޅަ ބެންޒެމާ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.
މި ލަނޑާއެކު ބެންޒެމާ މި ވަނީ ރެއާލްއަށް އެންމެ ފަހުން ކުޅެދިން 4 މެޗުގައި ވެސް ލަނޑު ޖަހާފައެވެ. މިއާއެކު މި ސީޒަންގައި ބެންޒެމާ ކުޅުނު 22 މެޗުން ރެއާލްއަށް ޖަހައިދިން ލަނޑުގެ އަދަދު 10 އަށް އަރާފައިވާއިރު، މިއީ މިދިޔަ ސީޒަންގައި އޭނާއަށް 32 މެޗުން ހަމަކުރެވުނު ލަނޑުގެ އަދަދުގެ ދެ ގުނަ އިތުރު މިންވަރެކެވެ.
މުޅި މެޗުގައި ވެސް ކޮއްޓާ ނެއްޓުމާއި، ނުރައްކާތެރި ހަމަލާތައް އުފެއްދުމުގައި އެންމެންގެ ލޯތައް އަމާޒުވި އުމުރުން އެންމެ 18 އަހަރުގެ ވިނީޝިއަސް ޖޫނިއާ ވަނީ މެޗު ނިމެން 10 މިނިޓަށް ވެފައިވަނިކޮށް ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 80 ވަނަ މިނިޓުގައި އޭނާ މި ލަނޑު ޖެހީ މާކޯ އެސެންސިއޯ ދިން ބޯޅައަކުންނެވެ.
ތިން ވަނަ ލަނޑަކާއެކު ރެއާލްއަށް މެޗުން 3 ޕޮއިންޓް ކަށަވަރު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މަރިއާނޯ ޑިއަޒް އެވެ. އޭނާ މި ލަނޑު ޖެހީ އިތުރު ވަގުތުގެ ތެރޭގައެވެ.
ރެއާލްއިން ނަތީޖާތައް ރަނގަޅުކޮށް ހަމަޖެހިލިއިރު، އެ ޓީމަށް ދެން އޮތީ އަންނަ ބުދަ ދުވަހު ސްޕެނިޝް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް-ކްލެސިކޯ މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް