ރާއްޖޭގެ ހަމަހިމޭންކަން ނަގާލުމުގެ ފުރުސަތު ނުދޭނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން މިހެން ބުނެފައިވަނީ ދެންމެ ނެރުނު ނޫސްބަޔާނެއްގައި އެވެ.
އެ ނޫސްބަޔާނުގައި އެމްއެންޑީއެފުން ބުނެފައިވަނީ ރާއްޖޭގެ ހަމަހިމޭންކަން ނަގާލުމަށް ބައެއް ފަރާތްތަކުން ވެރިރަށް މާލެއާއި ރާއްޖޭގެ ބައެއް ރަށްތަކުގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާމެދު ނަފުރަތުކަން އުފައްދާ ޙަޤީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރާ، ރާއްޖޭގެ މަސްލަޙަތު ނަގާލުމަށް ފާޅުގައި ހިތްވަރުދީ އެއްވުންތައް ބާއްވާ އަދި ސޯޝަލް މީޑިއާގައި ރާއްޖޭގެ އިޖުތިމާޢީ ހަމަޖެހުމަށް ބުރޫ އަރާ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފާޅުގައި ނުރައްކާކުރުމަށް ހިންގަމުންދާ ތަފާތު ހަރަކާތްތައް ހުއްޓުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
"އަދި ރާއްޖޭގެ ޤާނޫނު އަސާސީން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަމަން އަމާންކަމާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ސަލާމަތީ ބާރުތަކުން ސާބިތުކަމާއި ބަދަހި ކަމާއެކު ދެމިއޮތް ވާހަކަ ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ފުރުޞަތުގައި ދަންނަވަމެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަމާއި ޤާނޫނީ ސަރުކާރު ހިމާޔަތްކުރުމުގައި ޤާނޫނު އަސާސީން ސަލާމަތީ ބާރުތަކަށް ލާޒިމްކޮށްފައިވާ އެންމެހާ ކަންކަން ތަންފީޒުކުރުމުގައި ސާބިތުކަމާއެކު ސަލާމަތީ ބާރުތައް ދެމި އޮތްކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަން އަރުވަމެވެ." އެމްއެންޑީއެފްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖެ ހަލަބޮލި ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގައި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި ރާއްޖޭގެ ހަމަހިމޭންކަމާއި ސުލްޙަމަސަލަސްކަން ދެމެހެއްޓުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް