ބީއެމްއެލް ރަށްވެހި ނިއުއިޔާރ ފުޓްސަލް ޗެލެންޖް ނިލަންދޫގައި ފަށައިފި

ބީއެމްއެލް ރަށްވެހި ނިއުއިޔާރ ފުޓްސަލް ޗެލެންޖް ނިލަންދޫގައި ފަށައިފިއެވެ. މިއީ ފ. ނިލަންދޫގައި މީލާދީ އާއަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ފެށި ފުޓްސަލް މުބާރާތެކެވެ. އެރަށު ރަށްވެހި ގްރޫޕާއި ޖަމްޢިއް...

04 Jan 2020 | 07:44

ބީއެމްއެލް ރަށްވެހި ނިއުއިޔާރ ފުޓްސަލް ޗެލެންޖް ނިލަންދޫގައި ފަށައިފިއެވެ.

މިއީ ފ. ނިލަންދޫގައި މީލާދީ އާއަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން ފެށި ފުޓްސަލް މުބާރާތެކެވެ.

އެރަށު ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ އަދި އަލަނާސިކެފޭ އެންޑް ބިސްޓްރޯ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗާއި ނިލަންދޫ އިޖްތިމާޢީ މަރުކަޒުގެ އެހީތެރިކަމާއެކު މުބާރާތް ފެށި އިއްޔެއެވެ. އަދި މި މުބާރާތުގައި ނިލަންދޫގެ 6 ޓީމެއް ބައިވެރިވެފައިވެއެވެ.

ނިލަންދޫ ފުޓްސަލް ދަނޑުގައި ރޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުލް މުޙުސިން ޙަމީދެވެ.

މިރަސްމިއްޔާތުގައި ނިލަންދޫ މުއައްސަސާތަކުގެ އިސްވެރިންނާއި ކުޅިވަރަށް ލޯބިކުރާ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ. މުބާރާތް ފަށްޓަވައިދެއްވުމުގެ ގޮތުން ޝަރަފްވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި ނިލަންދޫއަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަޢަދަދެއްގެ ޒުވާނުން ތިބި ރަށެއް ކަމަށާއި ނަތީޖާއެއްގެ ގޮތުން މިހާރުވެސް ދިވެހި ޕްރެމިއަރލީގުގައި ނިލަންދޫ ތަމްޘީލު ކުރަމުންދާކަން އުފަލާއެކު ފާހަގަ ކުރެއްވިއެވެ. އަދި ކޮންމެ ކުއްޖެއްގެވެސް އަމާޒަކަށް ހަދަންވީ މިފަދަ މުބާރާތްތަކުން ލިބިގެންދާ ހުނަރުގެ ތެރެއިން މޮޅުކުޅުންތެރިއަކަށްވެސް މުސްތަޤްބަލުގައި ނިލަންދޫ ޓީމުގައި ހިމެނި ނިލަންދޫ ފަޚުރުވެރި ކުރުވާނެ ކުޅުންތެރިއަކަށް ވުމަށެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި ވައިޕާރސް އެފްސީ އާއި ނިލަންދޫ ޔަންގް ޖެނެރޭޝަން ވާދަކޮށް 4 ލަނޑު 1 ލަނޑުން ނިލަންދޫ ޔަންގް ޖެނެރޭޝަން ކާމިޔާބު ކުރި އިރު، މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޔަންގް ޖެނެރޭޝަންގެ ކެޕްޓަން ޢަބްދުލް ބާޞިޠުއެވެ.

2 ވަނަ މެޗްގައި އެފްސީ ސިއްސުވާލި އާއި ސުޕަރ ޖެނެރޭޝަން ކްލަބް (އެސް.ޖީ.ސީ) ވާދަކޮށް 10 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ އެސްޖީސީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްޖީސީގެ އަކްރަމް އިސްމާޢީލްއެވެ. އަދި ރޭކުޅެވުނު ފަހު މެޗްގައި 3 ހަރުގެ އާއި ސްޕޯރޓްސް ކްލަބް ފަހުލަވާނު (އެ.ސީ.އެފް) ވާދަކުރި މެޗް 24 ލަނޑު 1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ އެސްސީއެފްއެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްސީއެފްގެ ޢާދިލް ޢަލީ އެވެ.

މިމެޗްގައި ވާދަކުރި 3 ހަރުގޭޓީމުގައި ހިމެނެނީ ރަށުގައި މަސައްކަތްކުރާ ރާއްޖެއިން ބޭރު ޑޮކުޓަރުންނާއި މަސައްކަތު މީހުންނެވެ. މުބާރާތުގެ ޤަވާޢިދު ބުނާ ގޮތުން ރަށުގައި ވަކިމުއްދަތަކަށް މެދުނުކެނޑި މަސައްކަތްކުރާ ފަރާތްތަކަށް ރަށްވެހިވެހިން ގޮތުގައި މުބާރާތުގައި ކުޅުމުގެ ފުރުޞަތު ލިބިގެންދެއެވެ. މީ ދޭސީއެއް ބިދޭސީއެއް ތަފާތުކުރުމެއްނެތި ހުރިހާ އެންމެނަށްވެސް ހަމަހަމައުޞޫލެއްގެ ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި އެއްވެސް މީހަކު ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން ޤަވާޢިދުގައި ދެވިފައިވާ ފުރުޞަތެކެވެ.

މިމަހުގެ 7 ވަނަ ދުވަހަށް ކުރިޔަށް ގެންދާ މިމުބާރާތުގެ 4 މެޗެއް މިއަދުވެސް ކުޅުމަށްވަނީ ހަމަޖެހިފައެވެ. 6 ޓީމުގެ މެދުގައި ލީގު އުޞޫލުން ކުރިޔަށް ގެންދާ މިމުބާރާތުގައި ފައިނަލްގައި ވާދަކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމެވެ.

ހަމައެކަނި ނިލަންދޫގެ ރަށްވެހިންނަށާއި ނިލަންދޫގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މިމުބާރާތުގެ ޗެމްޕިއަންޓީމަށް 8000 ރުފިޔާގެ ފައިސާގެ ފައިސާގެ ޢިނާމެއް ވަނީ ކަނޑައެޅިފައެވެ. އަދި މިމުބާރާތަކީ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން މީލާދީ އާއަހަރަށް މަރުޙަބާ ކިޔުމަށް ބާއްވާ ފުޓްސަލް އެންމެ ފަހު މުބާރާތްކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

ރަށްވެހި ގްރޫޕާއި ޝަބާބުން ނިންމާފައިވަނީ ކުރިމަގުގައި މިމުބާރާތުގެ ބަދަލުގައި ކުރިޔަށް ފައިސާގެ ބޮޑެތި ޢިނާމުތަކާއެކު ފުޓްބޯޅަ މުބާރާތެއް ކުރިޔަށް ގެންދިއުމަށެވެ. މިއަހަރު މިމުބާރާތް ބާއްވަން މިޖެހުނީ ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިޔަށްދާތީ ދަނޑުގެ ބޭނުން ކުރެވޭނެ ގޮތެއް ނެތުމުން ރަށުގެ ޒުވާނުންނަށާއި ރަށުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވާދަވެރި މުބާރާތެއް ކުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ.

މުބާރާތުގެ މެއިން ސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗެވެ. ކޯ ސްޕޮންސަރއަކީ އަލަނާސި ކެފޭ އެންޑް ބިސްޓްރޯވއާއި ނިލަންދޫ އިޖުތިމާޢީ މަރުކަޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް