ގާތް މީހުންގެ ބޭކާރު ބޮޑު ސުވާލު ފަތި: "އަދިވެސް ނުވޭތަ!؟"

ކޮބާ މީހަކާ އިންނާކަށް އަދިވެސް ނުވޭތަ؟ ހިކޭކަށް އަދިވެސް ނޫޅެންތަ؟ ދަރިއަކު ހޯދާކަށް ނުވޭތަ؟ ތިކިޔެވުން ނިންމައިލާކަށް އަދިވެސް ނުވޭތަ؟ ވަޒީފާގަނޑެއް ހޯދާކަށް އަދިވެސް ނޫޅެންތަ؟ އިތުރަށް ނުކިޔަވާކަށް...

04 Jan 2020 | 05:47

ކޮބާ މީހަކާ އިންނާކަށް އަދިވެސް ނުވޭތަ؟ ހިކޭކަށް އަދިވެސް ނޫޅެންތަ؟ ދަރިއަކު ހޯދާކަށް ނުވޭތަ؟ ތިކިޔެވުން ނިންމައިލާކަށް އަދިވެސް ނުވޭތަ؟ ވަޒީފާގަނޑެއް ހޯދާކަށް އަދިވެސް ނޫޅެންތަ؟ އިތުރަށް ނުކިޔަވާކަށް ނޫޅެންތަ؟ މިއީ ހާދަހާވާ ބޭކާރު ސުވާލުތަކެކެވެ. މިއީ ހާދަހާވާ ހިތްދަތި ކުރުވާފަދަ ސުވާލުތަކެކެވެ. މިއީ ހާދަ ވިސްނާނުލާކުރާ ސުވާލުތަކެކެވެ.

"މީހަކާ އިންނާކަށް އަދިވެސް ނުވޭތަ؟" މިހެން އަހާލާއިރު ވިސްނަންވީ ކޮންމެ ކޮންމެ މީހަކީ އިންނާނެ ރަނގަޅު މީހެއް އެހާފަސޭހައިން ލިބޭނެ މީހެއް ނޫންކަމެވެ. ނުވަތަ އިންނާނެ މީހެއް ހުރިނަމަވެސް، މާލީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން އަދި އިންނަން ބޭނުން ނުވެފައި ނުވަތަ އިނދެވޭނެ ގޮތެއް ނެތިފައި ހުރި މީހަކަށްވެސް އެމީހަކު ވެދާނެއެވެ. ނުވަތަ ތިބާއަށް ނޭންގި ކުރިން މީހަކާ އިންދެ އެކައިވެނި ހިތިކޮށް ނިމި ކައިވެނިމަތިން ފޫހިވެފައިވާ މީހަކު ކަމުގައިވެސް އޭނާ ވެދާނެއެވެ. ކޮންމެ ފަދަ މީހަކަށްވިޔަސް އެސުވާލުގެ ސަބަބުން އެކުރެވެނީ މީހަކަށް ނަފްސާނީ ގޮތުން އުނދަގުލެކެވެ. އޭނާ މީހަކާ އިންނަން މެދުވެރިކުރެއްވި އިރަކުން އޭނާ މީހަކާ އިންނާނެއެވެ. އެއީ ތިބާ ބަލަންޖެހޭކަމެއް ނޫނެވެ.

"ހިކޭކަށް އަދިވެސް ނޫޅެންތަ؟" އެކަކުވެސް ތިމާ ހުންނަންވާނޭ ވަރަށްވުރެ ފަލަވާން އުޅޭނެ ހެއްޔެވެ؟ ނުވަތަ ބޭނުންވާނެ ހެއްޔެވެ؟ ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާގެ ހަށިގަނޑު އެންމެ ރީތި ބައްޓަމަށް ބަހައްޓާށެވެ. އެއީ ބައެއް މީހުންނަށް ވަރަށް ފަސޭހަކަމެކެވެ. އަނެއްބައި މީހުން ވަރަށް ގަދަ އަޅައި މަސައްކަތްކުރަން ޖެހޭކަމެކެވެ. ވިސްނާލަންވީ ތިމާއަށް މިސުވާލު މިކުރެވެނީ ބަލިމީހަކާތޯއެވެ. އެމީހެއްގެ ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ފަލަވުމަށް ދިމާވެފައިވަނީތޯއެވެ. ނުވަތަ އެމީހަކީ އުޅެން ޖެހިފައިވާލެއް ބުރަކަމުން ހަށިގަނޑަށް ދޭންވާ ސަމާލުކަން ނުދެވޭ މީހެއްތޯއެވެ. ނުވަތަ އެއީ އާއިލީކަމެއްގެ ސަބަބުން އެތައް މަސައްކަތެއްކޮށްގެންވެސް ނުހިކިފައިވާ މީހެއްތޯއެވެ.

"ދަރިއަކު ހޯދާކަށް ނުވޭތަ؟" މިސުވާލު ކޮށްލާއިރު ގިނަފަހަރު މީހެއްގެ ހިތަށް ތިހަރާކެވެނީ ތޫނު ހަންޖަރެކެވެ. ކައިވެނީގެ މީރުމޭވާއަކި ލޯބި ލޯބި ދަރިއެކެވެ. ނުވަތަ ދަރިންނެވެ. ދަރިއަކު ހޯދަން އެމީހަކު ކުރިހާ ނުވަތަ ކުރަމުންދާހާ މަސައްކަތް ތިމާއަކަށް ނޭންގޭނެއެވެ. ދަރިއެއް ދެއްވާތޯ އޭނާގެ ވެރި ރައްބަށް ދުޢާ ދަންނަވާވަރެއް ތިމާއަކަށް ގުނާ ޢަދަދުވެސް ނުކުރެވޭނެއެވެ. ދަރިއަކުނެތްކަމުގެ ފަޅުކަން އޭނާއަށް އިޙުސާސްވާ ހިނދު އެއަޅާވޭސް ތިމާއަށް އިޙްސާސްވެސް ނުވާނެއެވެ. ވީމާ އެހުސްކަން އޭނާއަށް އަންގައިދިނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ބައެއް މީހުންނަށް ދަރިން ލިބުމުގެ ނަޞީބުލިބިފައިވީނަމަވެސް އަނެއްބައި މީހުން އެއުފަލުން މަރުޙޫމުވެފައިވުމަކީވެސް ވުން އެކަށީގެންވާކަމެކެވެ. ނުވަތަ އޭނާ އަދި ދަރިއަކު ބޭނުން ނުވަނީކަމަށްވެސް ވެދާނެއެވެ.

"ތިކިޔެވުން ނިންމައިލާކަށް އަދިވެސް ނުވޭތަ؟" މިފަދައިން ސުވާލުކުރުމުން ތިމާއަށް އިޙުސާސްވާނީ ކިހިނެއް ހެއްޔެވެ؟ ކިޔަވާތީ ހަޖޫޖަހަނީކަމުގައި ނޫންހެއްޔެވެ؟ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެންވެސް ޢިލްމު އުނގެނޭށޭ ބުނެއެވެ. އިސްލާމްދީނުގައި ޢިލްމު ޙާޞިލްކުރުމަށް ވަނީ ބާރު އަޅުއްވާފައެވެ. ވީމާ އޯ ލެވެލް އަކުން ނުވަތަ އޭލެވެލް އަކުން ނިންމައިލާންވީ ސަބަބެއް ކޮބައި ހެއްޔެވެ؟ އަންހެނަކަށްވެސް ފިރިހެނަކަށްވެސް މުސްކުޅިޔަކަށްވެސް ކިޔެވުމަކީ ވަރަށް މާތްކަމެކެވެ. އަދި އެއީ އެދެވިގެންވާކަމެވެ. ކިޔެވުން ހުއްޓާލަންވީ ނުވަތަ ނިންމައިލާންވީ ސަބަބެއް ނެތެވެ.

"ވަޒީފާގަނޑެއް ހޯދާކަށް އަދިވެސް ނޫޅެންތަ؟" އޭނާއަކީ އެތައް ވަޒީފާތަކަކަށް ލައި އެތައްތަނަކުން ނުހޮވި ކުއްޖަކަށް ވެދާނެއެވެ. އެއީ އޭނާއަށް ރަނގަޅަށް ތަޢުލީމު ހާޞިލްނުކުރެވިހުރުމުގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. ނުވަތަ އޭނާ ކިޔެވުމަށް ވިސްނާތީވެ އިތުރު ވަޒީފާއަކަށް ދާން ނުވިސްނަނިކަމަށްވެސް ވެދާނެއެވެ. ނުވަތަ ވަޒީފާއަށްދާން ފިރިމީހާ ނުރުހޭތީ ނުދެވި ހުރީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ ދަރިއަކު ލިބުމުން ވަޒީފާއަށް ދިޔުން ހުއްޓައިލަން ނިންމީކަމަށްވެސް ވެދާނެއެވެ.

"އިތުރަށް ނުކިޔަވާކަށް ނޫޅެންތަ؟" އިތުރަށް ކިޔަވަން ވަރަށް ބޭނުންވެފައި އޭނާ ހުރެދާނެއެވެ. އޭނާ ބޭނުންވާ ދާއިރާއިން ރާއްޖޭގައި ކިޔެވެން ނެތުމުން މާލީ ތަނަވަސްކަން ލިބެންދެން ނުވަތަ ސްކޮލަޝިޕެއް ލިބެންދެން ހުރީ ކަމަށްވެސް ވެދާނެއެވެ. އޭނާ އެތަށް ސްކޮލަޝިޕަކަށްލައި އެއްވެސް ތަނަކުން އަދި ނުހޮވޭކަމަށް ވެދާނެއެވެ. ނުވަތަ އޭނާ ބޭނުންވަނީ އިތުރަށް ކިޔެވުމުގެ ކުރިން ވަޒީފާ އަދާކުރަންކަމަށްވެސް ވެދާނެއެވެ. ނުވަތަ ދިރިއުޅުމެއް ފަށަންކަމަށްވެސް ވެދާނެއެވެ. އޯލެވެލް ނުވަތަ އޭލެވެލް ނިންމާފައި ވަގުތުން އިތުރުކޯހެއް ފެށުމަކީ މަޖުބޫރުކަމެއް ނޫނެވެ. ނުަވތަ ޑިގްރީ ހަމަ ނިމޭއިރަށް މާސްޓާރސް ހަދާލަށް އަދި ނުޖެހެއެވެ. އެމީހަކަށް ވީވަރަކުން، އެމީހަކު ބޭނުން ގޮތަކަށް އެމީހަކު ކިޔަވާނެއެވެ.

އަދި މިނޫނަސް މިފަދަ އެތައް ސުވާލުތަކެއް ދަންނަ މީހުންނާ ކުރުމަށް އަހަރުމެން ވަނީ އާދަވެފައެވެ. ކުރާނެ ސުވާލެއް ނެތަސް، ދައްކާނެ ވާހަކައެއް ނެތަސް މިފަދަ ސުވާލުތައް ކުރާއިރު ދެވަނަ ވިސްނުމަކަށް ދާށެވެ. އަދި ބޭނުންނަމަ،މިނޫންގޮތަކަށް އޭނާއާ އެސުވާލުކުރެވޭނެ ގޮތެއް ވިސްނާށެވެ.

"ކައިވެންޏެއް ކުރަންޏާ އަންގައިލާތި."

" މައެބަ ވިސްނަން ކަސްރަތު ކުލާހަކަށް ދާން / މޫދު ކަސްރަތު ކުލާހެއް އެބަ އޮތް ވަރަށް އަވަހަށް. ދާން ބޭނުންތަ؟ "

" މިހާރު އެއްވެސް ވަރަކަށް އެބަ ވިސްނަންތަ ކުއްޖަކު ހޯދުމާއި ދޭތެރޭ؟ "

" ކިހާތާކު ކޯސް ނިމެނީ؟ ނިންމާފަ ކިހިނެއް ވިސްނާފަ އޮތީ؟ "

" ވަޒީފާއެއް ހޯދާނަމަ އެހީވެވިދާނެ "

" އަދި އެބަ އޮތްތަ ކިޔަވަން ވިސްނާފައި؟ "

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް