ދައުލަތުގެ ފިސްކަލް ޒިންމާއާ ބެހޭ ބިލް އަދި ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ތަސްދީގުކުރައްވައިފި

ދައުލަތުގެ ފިސްކަލް ޒިންމާއާ ބެހޭ ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ. މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށ...

03 Dec 2024 | 16:56

ދައުލަތުގެ ފިސްކަލް ޒިންމާއާ ބެހޭ ބިލާއި ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެ ދެ ބިލު ރައީސް ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮޮށްފައިވާ އިރު، މި ބިލުތަކަށް އަމަލުކުރަން ފަށާނީ 6 މަސް ފަހުންނެވެ.

ފިސްކަލް ޒިންމާގެ ބިލަކީ މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން، ދެމެހެއްޓެނިވި، ދެފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން، ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި، އަމާޒުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ގޮތުން ހުށަހެޅި ބިލެކެވެ.

އަދި ދަރަންޏާ ބެހޭ ބިލަކީ ދައުލަތުގެ އެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށްޓަކައި، ދަރަނީގެ ހިރާސްތަކަށް ރިއާޔަތްކުރެވިގެން އަދި އެންމެ ހަރަދުކުޑަވާނެ ގޮތަކަށް، ރާއްޖޭގެ އެތެރެއިންނާއި ރާއްޖެއިން ބޭރުން، ދައުލަތުގެ ނަމުގައި ދަރަނި ނެގުމުގައި ސަރުކާރު ބާރުވެރިކުރުވުމުގެ މަގުސަދުގައި އެކުލަވާލި ބިލެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ދަރަންޏާ ބެހޭ ބިލަށް އަމަލުކުރަން ފެށުމާއެކު ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމަށްޓަކައި"ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާނެ އިދާރާއެއް އުފައްދައި، މިނިސްޓްރީގެ ދަށުން މިހާރު ހިނގަމުން އަންނަ "ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް" ގެ އެންމެހައި ޒިންމާތަކާއި ވަސީލަތްތަކާއި، އިލްތިޒާމްތައް އެ އިދާރާއަށް ބަދަލުކުރާގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް