ނ. ހޮޅުދޫ ނިއުލައިފް ޒަކިއްޔާ މޫސާ މަރުވުމުގައި އެއްވެސް އިތުރު މީހެއްގެ އެއްވެސް އަމަލެއް ވާކަން ދޭހަކޮށްދޭ ކަމެއް ނެތްކަމުގައި ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ޒަކިއްޔާ އަދި ކުޅުދުއްފުށި މުހައްމަދު ހަސަންގެ މަރުގެ މައްސަލައާއި ގުޅޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ފުލުހުން ބުނެފައިވަނީ ކުރިންވެސް މައުލޫމާތު ހާމަކޮށްފައިވާގޮތަށް ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ގެއަށް ކުނި ބަލާ ދިޔަ ފަރާތަށް ކަމަށާއި މަރުވެފައި އޮތީ ގޭގެ ގުދަނެއްގައި ކަމުގައިވާއިރު އެ ގުދަނަކީ ގޭގެ ތެރެއިންވެސް އަދި ބޭރުންވެސް ވަދެވޭ ގުދަނެއް ކަމުގައިވާއިރު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު އިރު ކައިރީގަޔާއި، ކައިރީގައި އޮތް ވަޅީގައާއި އަދި ހަމަ އެހެންމެ ހެދުމުގައިވެސް ލޭ ހުރި ކަމަށެވެ.
އަދި އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން ގިނަ ކަންތައްތަކެއް ކަށަވަރު ކުރެވިފައިވާއިރު ޒަކިއްޔާއަށް ލިބިފައިވާ ޒަޚަމްތަކުގެ ބައެއް މައުލޫމާތުވެސް ފުލުހުން ހާމަކުރިއެވެ. އެގޮތުން ކަރުގެ ވާތް ފަރާތުން ތޫނު ޒަޚަމެއް ވާތް ފަރާތުން ފުން ދެ ޒަޚަމެއް އަދި މެދުން އެހާ ފުން ނޫން ޒަޚަމެއް ހުރިކަމަށްވެސް ބުނެފައިވެއެވެ.
ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ސީޓީ ސްކޭނެއް ހަދައި އަދި ޕެތަލޮޖިސްޓެއްގެ ރައުޔު ހޯދާފައިވާއިރު އެއްވެސް ސްޓްރަގަލްއެއް ފާހަގަކުރެވިފައިނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކައިރީގައި އޮތް ވަޅީގައި ލޭ ނެތް ކަމަށާއި ހެދުމުގައިވެސް ލޭ ނެތް ކަމަށާއި އަދި އިތުރަށްވެސް ދެކެވުނު އަދި ކުރެވުނު ގިނަ ތުހުމަތުތަކެއްވެސް ތަހުގީގު ކުރެވިފައިވާއިރު ފުލުހުން ތަކުރާރުކޮށް ބުނެފައިވަނީ ސީން އަށް ބެލި އިރުވެސް އަދި ސަރަހައްދު ފެންނަ ސީސީ ޓީވީ ފުޓޭޖްތަކުންވެސް އަދި ހުރިހާ ގޮތަކުން ބެލި ބެލުމުންވެސް އިތުރު ފަރާތެއްގެ ބައިވެވުން މިކަމުގައި ނެތްކަމަށްވެސް ފުލުހުން މިއަދު ބުންޏެވެ.
އެހެންނަމަވެސް ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ފުލުހުން ސީދާ އަދިވެސް ނުއެއް ބުނެއެވެ. އެހެންނަމަވެސް ފުލުހުން ބުނެފައިވަނީ މިހާތަނަށް ބެލި ބެލުމުން މިކަމުގައި މީހެއްގެ ބައިވެރިވުމެއް ނެތްކަމަށް ބަލާފައިވާކަމަށެވެ. އެހެންނަމަވެސް މައްސަލަ ބަންދުކޮށް ސީދާ ނިންމުމަކަށް ދާނީ އަދި ބޭރުގެ ބައެއް ފަރާތްތަކުގެ ރައުޔުވެސް ހޯދަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް