އަންނަ ބުރާސްފަތި ދުވަހުން ފެށިގެން، ގުޅީފަޅާއި ތިލަފުއްޓާއި ދެމެދު ކަނޑުއޮޅިން ދަތުރު ނުކުރުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މާލެއާއި ތިލަފުއްޓާއި ދެމެދު ބުރިޖު އެޅުމުގެ މަޝްރޫއުގެ ދަށުން ގުޅީފަޅާއި ތިލަފުއްޓާއި ދެމެދު ކަނޑުގައި ތަނބުޖެހުމުގެ މަސައްކަތް މި ހަފްތާގެ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން އެ މަސައްކަތް ކުރިއަށްދާތީ، އެދުވަހުން ފެށިގެން ގުޅީފަޅާއި ތިލަފުއްޓާއި ދެމެދު ކަނޑުއޮޅި ބަންދުވާނެ ކަމަށާއި، ކަނޑު އުޅަނދުފަހަރު އެ ސަރަހައްދުން ދަތުރު ނުކުރުމަށް މިނިސްޓްރީން އަންގާފައިވެ އެވެ. އަދި މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުއޮޅި އަދި ވިލިމާލެއާ ގުޅީފަޅާއި ދެމެދު ކަނޑުތައްވެސް ބަންދު ކޮށްފައިވާތީ އެ ސަރަހައްދުންވެސް ދަތުރު ނުކުރަން މިނިސްޓަރީން ވަނީ އަންގާފައިވެ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ މާލެ-ތިލަފުށި ބުރިޖުގެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުކުރީ 2021 ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ މަޝްރޫއު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޮޑަށް ގަބޫލުކުރެއްވެނީ 2026 ވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް