ރާއްޖޭގެ ވައި ނުސާފުވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ ވައި ނުސާފުވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައިވާއިރު، މިވަގުތު ރާއްޖޭގެ ވައިގެ ތަޣައްޔަރުކަމަށް ބަލާއިރު ވައިގެ ތަޣައްޔަރުކަން ބަލާ މިންގަނޑުން އެންމެ ވައި ނުސާފީ ވިލިމާލެއަށެވެ.
މިގޮތުން ވިލިމާލޭގެ ވައި ނުސާފުމިން 94 ގައި ހުރިއިރު، މާލެއަށް 82ގައި އަދި ށ.ފުނަދޫއަށް އުޅެނީ 55 ގައެވެ.
މިއާއިއެކު، އެޗްޕީއޭއިން ވަނީ ވައި ނުސާފުވާ ވަގުތުތަކުގައި އެކަމަށް ސަމާލުވުމަށް އެދިފައެވެ.
އޭގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާ ހިތުގެ ބަލިތަކާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމާއި ބޭރަށް ނިކުންނަން ޖެހޭ ހާލަތުގައި މާސްކު އެޅުން ފަދަ ކަންކަމަށް ވަނީ އިލްތިމާސްކޮށްފައިއެވެ.
މީގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ނޫޅުމަށާއި ތުއްތު ކުދިން ބޭރަށް ނުނެރުމާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި އަދި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑު ޖައްސާލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މިވަގުތު ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ނުސާފުމިން މެދު މިނުގައި ހުރިއިރު، މި މިންވަރުގެ ސަބަބުން ނޭވާލާ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް ފާހަގަކޮށް އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލި ވުމަށް އިލްތިމާސްކޮށްފައެވެ.
އިންޑިއާގެ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑާ އެއްކޮށް ރާއްޖޭގެ ވައި ނުސާފުވެފައިވާއިރު،ވައިގެ ނުސާފުކަން ހުރުން ރަނގަޅީ 0-50 އާ ދެމެދުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވައި ނުސާފުވާ ރޭންޖުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް