ލުބުނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯދަހީ މަގާމުން އިސްތިއުފާދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ މަގާމާއި ހަވާލުވިތާ ތިން މަހެއްހާ ދުވަސް ފަހުން މިއަދުގެ ވަގުތެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ކޯހަދީ މަގާމުން އިސްތިއުފާދެއްވަން މަޖުބޫރުވީ ސައުދީ އަރަބިއްޔާއިން އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ހަމައެކަނި އުވާލުމުގެ ޝަރުތަކީ އޭނާގެ އިސްތިއުފާކަން އެންގުމުންނެވެ.
ސައުދީނ،ް ލުބުނާން ދެކެ ރުޅިއައީ ސައުދީ އިސްވެ އޮވެ އަރަބި ކޯލިޝަނުން ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ދެމުންދާ ހަމަލާތަކަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާ ކޯހަދީ ވާހަކަ ދެއްކެވެމުންނެވެ. މި މައްސަލައިގަ ލުބުނާނަށް ފިޔަވަޅު އެޅުމުން ކޯހަދީ ވިދާޅުވެފައިވަނީ
އެ ވާހަކަތައް ދެއްކެވީ މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިން ކަމަށާއި އެއީ މިނިސްޓަރުގެ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކަކަށް ނުވާތީ ލުބުނާނާއި މެދު ސައުދީން ފިޔަވަޅު ނޭޅުމަށް އެދިވަޑައިގެންނަވާ ކަމަށެވެ. އެކަމަކު ސައުދީން ވަނީ ލުބުނާނު ސަފީރު އެ ގައުމުން ބޭރުކޮށް ސައުދީން ދޭ ހުރިހާ އެހީއެއް ކަނޑާލާފަ އެވެ.
މި މައްސަލައިގަ މިއަދު އިސްތިއުފާ ދެއްވަމުން ކޯހަދީ ވިދާޅުވީ އޭނާ އިސްކުރައްވާނީ ގައުމު ކަމަށެވެ. އަމިއްލަ މީހާއަށ ގޮތެއް ވިޔަސް ގައުމާއި ރައްޔިތުންނަށް ނިކަމެތިކަން ލިބުމަށް ނޭދޭ ކަމަށެވެ.
އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވުމަށް މީގެ ކުރިން ލުބުނާންގެ ބޮޑުވަޒީރު ނަޖީބު މިކާޓީ ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު ކޯހަދީ ނިސްބަތްވާ ޕާޓީއަކީ އީރާނާއި ހިޒްބުﷲ ޖަމާއަތުން ތާއީދު ކުރާ ޕާޓީއަކަށް ވާތީ ބާރު އަޅާފައިވަނީ މަގާމުން އިސްތިއުފާ ނުދެއްވުމަށެވެ.
ލުބުނާނުގެ ބޮޑުވަޒީރު ވަނީ ސައުދީން އެ ގައުމާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވާ، އެ ނިންމުން ބަދަލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ސައުދީގެ އިތުރުން އެ ގައުމަށް ވާގިވެރިވާ ގައުމުތުންވެސް ވަނީ ލުބުނާނަށް އެހީވުން ހުއްޓާލައި ދަތުރު ކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.
އޭގެ ތެރޭގައި ބަހްރެއިން، ގަތަރާއި، އޮމާން، ކުވައިތްގެ އިތުރުން ޔޫއޭއީ ހިމެނެ އެވެ.
އަރަބި ކޯލިޝަނުން ޔަމަނުގައި ކުރަމުންދާ ހަނގުރާމައި މާބޮޑު ކުރި އެރުމެއް ދެ ފަރާތައް ނުލިބޭއިރު މި ހަނގުރާމައިގެ ސަބަބުން ހޫތީންގެ ހަމަލާތައް ސައުދީއަށް އަމާޒުވުން ވަނީ އިތުރުވެފަ އެވެ. ހޫތީންނަށް ވާގިވެރިވަމުން ދަނީ އީރާނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް