ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ކުރިއަށްދާ ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ 24 ވަނަ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި އެސެމްބްލީ ކުރިޔަށް ދަނީ ނޮވެމްބަރ 30 ން ޑިސެމްބަރ 3ގެ ނިޔަލަށެވެ. މި އެސެމްބްލީގައި، މިހާރު ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މެމްބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވުނެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް ކޯވިޑްގެ ތަފާތު ވޭރިއަންޓްތައް ފެނުން އެކަށީގެންވާކަމާއި ފެންނަ ވޭރިއަންޓްތަކާއި ގުޅިގެން ޤައުމުތަކުގެ ބޯރޑަރުތައް ބަންދުކުރުމުގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ފަތުރުވެރިކަން ކުރިއަށް ގެންދިޔުމުގެ މުހިއްމުކަން ގިނަ މެމްބަރުން ފާހަގަކުރެއްވިއެވެ.
މި އެސެމްބްލީގެ ޕްލިނަރީ ސެޝަންތަކުގައި ކުރިއަށް ގެންދެވުނު ކަންތައްތަކުގެ ތެރޭގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ ޒުރާބް ޕޮލަލިކަޝްވީލި އިތުރު ހަތަރު އަހަރުގެ ދައުރަކަށް ސިއްރު ވޯޓަކުން އިންތިޚާބު ކޮށްފައި ވެއެވެ.
އަދި 26 މޭއި 2021 ގައި ސައުދި އަރަބިޔާގެ ރިޔާދުގައި ހުޅުވި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ އޮފީހަކީ މިޑްލް އީސްޓްގެ ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ރީޖަނަލް އޮފީހުގެ ގޮތުގައި ނިންމާފައި ވެއެވެ.
މިގޮތުން ޖެނެރަލް އެސެމްބްލީގައި ބޭއްވުނު މުހިއްމު އެއް އިވެންޓްގެ ގޮތުގައި މުސްތަޤުބަލުގެ ފަތުރުވެރިކަމާއި ގުޅުވައިގެން "ބިލްޑިންގ ފޮ ދަ ފިއުޗަރ އިނޮވޭޝަން، އެޑިއުކޭޝަން އެންޑް ރޫރަލް ޑިވޮލޮޕްމަންޓް"ގެ ނަމުގައި ބޭއްވުނު ތީމެޓިކް ސެޝަން ފާހަގަކޮށްލެވެއެވެ.
ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބޭއްވި ތީމެޓިކް ސެޝަން ފެށުމުގެ ރަސްމިއްޔާތުގައި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒާއި ގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޒުރާބް ޕޮލަލިކަޝްވީލި އަދި ޑަބުލިއު.ޓީ.ޓީ.ސީގެ ޕްރެޒިޑެންޓް އަދި ސީ.އީ.އޯ މިސް ޖޫލިއާ ސިމްޕްސަން ތަޤްރީރު ކުރެއްވިއެވެ.
މި ތީމެޓިކް ސެޝަންގައި ކޮމިއުނިޓީ ބޭސްޑް ރޫރަލް ޓޫރިޒަމް އާއި ގުޅޭ ޕެނަލް ޑިސްކަޝަންސްތައް ބޭއްވުނެވެ.
މިގޮތުން ބޭއްވުނު އެއް ސެޝަނެއް ކަމުގައިވާ " ޔޫތު މީޓްސް މިނިސްޓަރސް ޑިބޭޓް"ގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލްއާއި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބުދުالله މަޢުޞޫމް ގެ އިތުރުން އެހެން ޤައުމުތަކުގެ މިނިސްޓަރުން ބައިވެރިވެވަޑައިގަތެވެ.
މި ބަހުސްގައި ކޮމިއުނިޓީ ބޭސްޑް ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ޒުވާނުންނަށް ފަތުރުވެރިކަމުގެ ރޮގުން ކުރިއަށް ދިޔުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން ވާހަކަ ދެކެވުނެވެ.
ޖެނެރަލް އެސެމްބްލީގައި މިނިސްޓަރގެ އިތުރުން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޙަސަން ޞޯބިރުއާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޕާރމަނެންޓް ސެކްރެޓަރީ އަލްފާޟިލާ ފާތިމަތު ނިލްފާ އާއި އެގްޒެކަޓިވް ޑިރެކްޓަރ އަލްފާޟިލާ ފަޟީލާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ޖެނެރަލް އެސެމްބްލީ ދެން އޮންނާނީ 2023 ވަނަ އަހަރުއެވެ. އެގޮތުން 2023 ވަނަ އަހަރު 25 ވަނަ ޖެނެރަލް އެސެމްބްލީ ބާއްވާނެ ޤައެމެއްގެ ގޮތުގައި އުޒްބަކިސްތާނު ފާސްކުރެވުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް