ރާއްޖޭގައި ކުޑަކުދިންގެ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްއިއްޔާ އެއް ކަމުގައިވާ އެޑްވޮކޭޓިންގ ދި ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އިން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެނދުމަތިވެފައިވާ ކުދިންނަށް 20 ހޮސްޕިޓަލް އެނދު ހަދިޔާ ކޮށްފިއެވެ.
މި އެނދުތައް ހަދިޔާ ކޮށްފައި ވަނީ މި އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގެ ތެރެއިން ކަމުގައި އާރކް އިން މަޢުލޫމާތު ދެއެވެ.
އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެނދުމަތި ވެފައިވާ ކުދިންނަށް ހަވާލު ކުރުމަށްޓަކައި އެ ޖަމިއްޔާގެ ފަރާތުން 20 ހޮސްޕިޓަލް އެނދު އެޑިޔުކޭޝަން މިނިސްޓްރީ އާއި ހަވާލުކޮށްފައިވާ ކަމުގައި އާރކް އިން މަޢުލޫމާތު ދެއެވެ.
މިގޮތުން އާރކްގެ މި އެހީ ކުދިންނަށް ފޯރުކޮށްދޭން ފެށުމުގެ ގޮތުން މިއަދު ވަނީ ހުޅުމާލޭ ޣާޒީ ސުކޫލްގެ ދަރިވަރަކާއި އެނދު ހަވާލުކޮށްފައެވެ.
އެ ސްކޫލްގެ ދަރިވަރާއި އެނދު ހަވާލު ކޮށްދެއްވާފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނައިބު އަލްފާޟިލް މުހައްމަދު އިހްސާންއެވެ. އެދަރިވަރާއި އެނދު ހަވާލުކޮށްދެއްވައި ވާހަކަ ފުޅު ދައްކަވަމުން އިހްސާން ވިދާޅުވީ، އާރކް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޙައްޤުތައް ހިމާޔަތް ކޮށް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފުޅަށްޓަކައި އާރކް އަށް ޝުކުރު އަދާ ކުރައްވާފައި ވެއެވެ.
އާކްއިން އުންމީދުކުރަނީ މި ހަދިޔާގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދިރިއުޅުމާއި ދުޅަހެޔޮކަން އިތުރުވެ، ގޭގައި ތިބެގެން މުދައްރިސުންގެ ފަރާތުން ތަޢުލީމު އުނގެނުމުގެ ޙައްޤު މިހާރަށްވުރެ ރަނގަޅަށް ފަހިކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމުގައެވެ.
ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ހަރަކާތުގެ އިތުރުން އާރކް އިން މިއަދު ވަނީ ފުއްޓަރު އުފާ އާއި ބީޗް ކްލަބާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒު ކޮށްގެން ހުޅުމާލޭ ބީޗުގައި ޚާއްޞަ ހަރަކާތްތަކެއް ބާއްވާފައެވެ.
އެގޮތުން ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން، ކެއާ ސޮސައިޓީ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް (އެމްއޭޕީޑީ) އަދި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން 50 އަށް ވުރެ ގިނަ ކުދިން ވަނީ ބަނާނާ ބޯޓް ރައިޑްސް، ކެނޯ ރައިޑްސް އަދި ސްޓޭންޑް އަޕް ޕެޑަލް ބޯޑިން ފަދަ މޫދު ކުޅިވަރުތަކުގައި ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް