އޮމިކްރޯމް ވޭރިއަންޓާއި ގުޅިގެން އެމެރިކާއިން ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފި

ކޯވިޑް-19ގެ އާ ވޭރިއަންޓު އޮމިކްރޯން އާއި ގުޅިގެން އެމެރިކާއިން ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ. އޮމިކްރޯން ވޭރިއަންޓު ފުރަތަމަ ފެނިފައިވަނީ ސައުތް އެފްރިކާއިންނެވެ. ޑަބްލިއުއެޗްއޯއިން ވަނީ މި ވޭރިއ...

03 Dec 2021 | 15:09

ކޯވިޑް-19ގެ އާ ވޭރިއަންޓު އޮމިކްރޯން އާއި ގުޅިގެން އެމެރިކާއިން ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.

އޮމިކްރޯން ވޭރިއަންޓު ފުރަތަމަ ފެނިފައިވަނީ ސައުތް އެފްރިކާއިންނެވެ. ޑަބްލިއުއެޗްއޯއިން ވަނީ މި ވޭރިއަންޓަކީ ހަލުވިކަމާއި އެކު ފެތުރޭ ވޭރިއަންޓަކަށް ވާތީ ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ނެރުއްވި ގަރާރަކުން ވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

އެގޮތުން އެގައުމަށް އެތެރެވާ އެންމެންގެ އަތުގައި 24 ގަޑިއިރު ހަމަނުވާ ކޯވިޑް-19 ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާއެއް އޮންނަން ޖެހެ އެވެ. ފަހުގެ ތާރީހެއްގައި ކޯވިޑް ޖެހި، ރަނގަޅުވެފައިވާ މީހުން ބަލިން ރަނގަޅުވި ކަމުގެ ލިޔުން ދެއްކުމުން ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެތަސް އެމެރިކާއަށް އެތެރެވެވޭނެ އެވެ.

ކޯވިޑަށް ޓެސްޓު ކޮށްދިނުން އިތުރު ކުރުމާއި އެކު މަތިންދާ ބޯޓާއި ރޭލު އަދި ބަހުގައި ދަތުރު ކުރާއިރު މާސް އެޅުން ވަނީ މަޖުބޫރު ކޮށްފަ އެވެ. މި ހިދުމަތްތައް ބޭނުން ކުރާއިރު މާސްކު އެޅުން މަޖުބޫރު ކަމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށެވެ.

މިދިޔަ ހަފްތާގައި ރައީސް ބައިޑެން ވިދާޅުވީ އޮމިކްރޯން ވޭރިއަންޓާއި ގުޅިގެން އެމެރިކާ ލޮކްޑައުން ނުކުރާނެ ކަމަށެވެ. އޭގެ ބަދަލުގައި އަމަލު ކުރާނީ ސައިންސްގެ ހޯދުންތަކާއި އެއްގޮތަށްކަން ފާހަގަ ކުރައްވާ ވިދާޅުވީ މާސްކު އަޅައިގެން އުޅުމާއި އެކު ކޯވިޑަށް ޓެސްޓު ކުރުން އިތުރު ކުރުމުން ބަލިން ރައްކާތެރިވެވޭނެ ކަމަށެވެ.

އެމެރިކާއިން މިހާތަނަށް އޮމިކްރޯން ވޭރިއަންޓުގެ 10 ކޭސް ފެނިފައިވެ އެވެ. އަދި ދުނިޔޭގެ 30 ގައުމަކުން މިހާތަނަށް އެ ވޭރިއަންޓު ފެނިފައިވެ އެވެ.

ގިނަ ގައުމުތަކަކުން ވަނީ ވައިރަސް ފުރަތަމަ ފެނުނު ސައުތް އެފްރިކާއާއި އެފްރިކާ ބައްރުގެ އެހެން ގައުމުތަކުން މީހުން ދަތުރު ކުރުން މަނާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް