އެމް.ޑަބްލިޔު.އެސް.ސީ އިން ހދ.ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ.
މިމަޝްރޫޢު އިފްތިތާޙު ކޮށްދެއްވާފައި ވަނީ، ހިރިމަރަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހް އާއި، ހަނިމާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަބްދުޤަފޫރު މޫސަ އާއި، ހދ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖް، އަދި ހިރިމަރަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަޙީދުއެވެ.
މީގެ އިތުރުން މި ރަސްމީޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމު ޤާއިމު ކުރުމަށް ހިރިމަރަދޫގައި 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ.
އަދި ގޭގޭ ގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެއެވެ.
އެގޮތުން، އެ ރަށުގެ ނަރުދާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 5.02 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 1.12 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރާނެއެވެ. އަދި ގޭގޭ ގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ
އޭގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން މަޢުލޫމާތު ދެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 69.14 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް