ނައިފަރުގައި ޖަމާޢައްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ފާދިއްޕޮޅު ނައިފަރުގައި ޖަމާޢައްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާ ޅ. ނައިފަރު ކައުންސިލާ ގުޅިގެން ހިންގި މި ޕްރޮގްރާމުގެ މަގުސަދަކީ 5600 އަށްވު...

03 Dec 2021 | 10:26

ފާދިއްޕޮޅު ނައިފަރުގައި ޖަމާޢައްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާ ޅ. ނައިފަރު ކައުންސިލާ ގުޅިގެން ހިންގި މި ޕްރޮގްރާމުގެ މަގުސަދަކީ 5600 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ނައިފަރަކީ ތަމްރީން ލިބިފައިވާ ޖަމާޢަތްތެރިން ނެތް ރަށަކަށްވާތީ އެކަމަށް ހައްލެއް ގެނައުމެވެ. އަދި މިރަށުގައި ކަށުކަމާކެމީގެ މަސައްކަތުގައި ހަރަކާތްތެރިވާނެ ތަމްރީން ލިބިފައިވާ ބަޔަކު އުފެއްދުމެވެ.

އެގޮތުން ނައިފަރު ކައުންސިލުން ޝައުޤުވެރިކަން ފާޅުކުރެއްވުމާ ގުޅިގެން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ނައިފަރުގައި ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި ދެފަރާތުން ގުޅިގެން މި ޕްރޮގްރާމް މަސައްކަތްތައް ފަށާފައިވަނީ މިއަހަރުގެ އޮކްޓޯބަރ 31 ގަ އެވެ.

މި ޕްރޮގްރާމް 17 ނޮވެމްބަރ ގައި ނިމުނު އިރު 45 ދަރިވަރަކު ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ. އަދި ދެ ޖިންސަށް އަމާޒުކޮށްގެން ހިންގުނު މިކޯހުގެ ބައިވެރިންގެ ތެރެއިން ގިނައީ އަންހެން ބައިވެރިންކަން ފާހަގަކޮށްލެވެ އެވެ.

މި ކޯހުގައި ކިޔަވައިދެއްވީ ނައިފަރުގެ އިސް މެޖިސްޓްރޭޓް ފަޟީލަތުއްޝައިޚް މުޙައްމަދު މޫސާ އެވެ. ޕްރެކްޓިކަލް ސެޝަންތައް ބޭއްވީ އެ ރަށު ހިނަވާ ގޭގަ އެވެ.

މި ޕްރޮގްރާމްގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހު އެެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލް އެވެ.

އިލްޔާސްގެ ވާހަކަފުޅުގައި ނައިފަރު ކައުންސިލުން މިކަމަށް އިސްނަގައިގެން މިފަދަ މުހިންމު މަސައްކަތެއް ނައިފަރުގައި ކޮށްދެއްވި ކަމީ ނިހާޔަތަށް އުފާކޮށް ޝުކުރުވެރުވާ ކަމަށާއި މިކަމަކީ އެހެން ކައުންސިލްތަކުން ނަމޫނާ ނަގަންޖެހޭ ކަމެއްކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ރަށުގައި ހުއްޓިފައިވާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ ޚިދުމަތް އަލުން ދެވި އެތަނުގެ ފަރާތުން ކޯސްތައް ހިންގުމަށް ބާރު އަޅުއްވާނޭކަމަށް ވެސް ވިދާޅުވި އެވެ.

ޤުރްއާނުގެ އަޚްލާޤާއި އަދަބާ ގުޅޭ ކެމްޕޭންގެ ދަށުން ޚާއްޞަ ޕްރޮގްރާމްތަކެއް އެ ރަށު ކައުންސިލާ ގުޅިގެން ފެއްޓެވުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މިއީ މިހާތަނަށް އެއް ރަށެއްގައި އެންމެ ގިނަ ޖަމާޢަތްތެރިން އުފެއްދުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް