ޕްރޮގްރެސިވް ކޯލިޝަންގެ ބޮޑު ޖަލްސާ މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
ކާނިވާ ސަރަހައްދުގައި ބާއްވާ މި ޖަލްސާ ފެށުމަށް ނިންމާފައިވަނީ މިރޭ 20:30 ގަ އެވެ.
މި ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ އިރު، މިއީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ބޮޑު ޖަލްސާ އެވެ.
މިޖަލްސާގައި މާލެ އާއި އަތޮޅު ތެރެއިން ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެކަމަށް އެ ކޯލިޝަނުން ވަނީ ހާމަކޮށްފަ އެވެ.
ރައީސް ޔާމީން ސަޕޯޓަރުންނާއި ބައްދަލު މިކުރައްވަނީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުންނާއި ހައިކޯޓުން ސާބިތުކުރި މަނީލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ނެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތު ކުރުމުގައި އެތައް ގޯހެއް ހަދާފައި އެބައޮތް ކަމަށެވެ.
ޖަލު ހުކުމުން މިނިވަންވެވަޑައިގެން ރައީސް ޔާމީން ވަނީ ފުރަތަމަ ފަހަރަށް ސިޔާސީ ހަރަކާތެއްގައި މިދިޔަ ބުދަ ދުވަހުގެރޭ ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވާފަ އެވެ.
ރައީސް ޔާމިން އެ ޖަލްސާގައި ވިދާޅުވީ މިއަދު ރައްޔިތުންގެ ހިތަށް އެންމެ އުނދަގޫކުރާ އެންމެ އަސަރުކުރުވާ އެއްކަމަކީ ޢަދުލުގެ ދާއިރާ ޢަދުލުވެރިކަމާއެކީ ބޭއްވޭނީ ކިހާ ހިސާބަކުތޯކަމާމެދު އުފެދޭ ސުވާލުކަމަށެވެ.
" ޤައުމުގެ ކަންކަން އިސްލާހުކުރުމުގައި އިސްލާމީ ޝަޙްސިއްޔަތު މި ޤައުމުގައި ދައްކާކަމަށްވާނަމަ، ކަންކަން ނިންމަންތިބޭ މީހުންނަށް ކިހާވަރެއްގެ އަދުލުވެރިކަމަކާއި އިންސާފުވެރިކަމަކާއެކީ ކަންކަން ނިންމޭނެތޯ މިއީ ރައްޔިތުން މިއަދު އުފަައްދާ ސުވާލެއް." ރައީސް ޔާމީން އެރޭ ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް