ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގައި އާބާދީ ކުޑަބޮޑު މިނަކަށް ސަރުކާރުން ތަފާތުނުކުރާނެ: ރައީސް

ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގައި އާބާދީ ކުޑަރަށަކާއި އާބާދީ ބޮޑުރަށެއްގެ މެދުގައި ސަރުކާރުން ތަފާތުނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއ...

03 Dec 2021 | 06:05

ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގައި އާބާދީ ކުޑަރަށަކާއި އާބާދީ ބޮޑުރަށެއްގެ މެދުގައި ސަރުކާރުން ތަފާތުނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލާއި ބައްދަލުކުރައްވާ ވާހަަކަފުޅު ދައްކަވަމުން ނެވެ.

މި ބައްދަލުކުރެއްވުމުގައި ބަނދަރުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާގުޅޭ ގޮތުންނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުންނާއި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނަރުދަމާ ނިޒާމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ނަރުދަމާ ނިޒާމާއެކު ފެނުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭގޮތުންނާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން ކައުންސިލަރުން  ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ސްކޫލަށް އިތުރު 8 ކްލާސްރޫމުގެ އިމާރާތެއްގެ މުހިންމުކަމާއި ހެލްތު ސެންޓަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުންފަދަ ކައުންސިލާ ރައްޔިތުން ބޭނުންވާ މުހިންމުކަންކަން ހިމެނެ އެވެ. އަދި ރަށުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމާއި އައު މިސްކިތަކާއި ކައުންސިލު އިދާރާގެ އައު އިމާރާތެއް އެޅުމުގެ މުހިންމުކަން ކައުންސިލަރުން ވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް