އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ރޭ އާސެނަލް އަތުން ހޯދި މުހިންމު މޮޅާއެކު އެ ޓީމު ވަނީ ޕްރެމިއާ ލީގު ތާވަލުގެ ހަތް ވަނަ އަށް ޖެހިލާފައެވެ. ރޭގެ މޮޅާއި އެކު ތާވަލުގެ ހަތް ވަނަ ޔުނައިޓެޑު އޮތީ އެޓީމު ކުޅުނު 14 މެޗުން ލިބުނު 21 ޕޮއިންޓާއި އެކުއެވެ. ތާވަލުގެ ފަސްވަނައިގައި 14 މެޗުން 23 ޕޮއިންޓާއެކު އާސެނަލް އޮތްއިރު، ހަވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އާސެނަލުންނެވެ. އާސެނަލުން މެޗުގައި ލީޑު ނެގި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްމިތު ރޯއެވެ. ސްމިތު ރޯ އެ ލަނޑު ޖެހިއިރު، ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވެއްޓިފައި އޮތުމުން ރެފުރީ އެންމެ ފުރަތަމަ ފައުލަކަށް ދެއްކި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.
މެޗުގެ ކުރީކޮޅު އާސެނަލުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ބްރޫނޯ ފެނާންޑޭސް ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު ނަމަވެސް މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. އެހެން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން މާޓިން އޮޑެގާޑް ވަނީ ލަނޑެއް ޖަހާ އާސެނަލަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ޔުނައިޓެޑުން އަލުން ލީޑުނެގީ މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޮނާލްޑޯއެވެ. މިއީ އޭރިއާތެރެއިން ޔުނައިޓެޑުގެ ފްރެޑަށް އާސެނަލުގެ އޮޑެގާޑް ކުރި ފައުލަށް ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، އޭނާ މިހާރު ވަނީ ކެރިއަރުގައި 801 ލަނޑު ހަމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް