ނިރުބަވެރިއެއް ކަމަށް ތުހުމަތުކުރާ އަމީންގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ހަނގުރާމައަށް މީހުން ފޮނުވާ ނިރުބަވެރިއެއް ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ މައްސަލަ ފުލުހުން ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ފުލ...

03 Dec 2019 | 13:06

ހަނގުރާމައަށް މީހުން ފޮނުވާ ނިރުބަވެރިއެއް ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ މައްސަލަ ފުލުހުން ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އޭނާ ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކަށާއި، ހަނގުރާމަވެރި މަޖާއަތްތަކުގެ ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ ވާގިވެރިވާކަމަށް ތުހުމަތު ކުރެވޭތީ އާއި އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާ، އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަމީން އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާނެ ކަމަށެވެ.

އަމީނަކީ ނިރުބަވެރިއެއްކަމަށް އެމެރިކާއިން ތުހުމަތުކޮށް އެކަން އެމެރިކާއިން އާންމުކޮށްފައިވެއެވެ. އަމީނަކީ އެމެރިކާއިން ނިރުބަވެރިންގެ ގޮތުގައި ކަނޑައަޅާ ލިސްޓުގައި ހިމެނުނު ފުރސަތަމަ ދިވެހި މީހާއެވެ.

ދިވެހި ފުލުހުން އަމީން ހައްޔަރުކުރީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.

އަމީނަކީ ސަލްޓަން ޕާކު ބޮން ގޮއްވި ހަމަލާއާއި ގުޅިގެންވެސް ހައްޔަރުކުރަން އުޅުނު މީހެކެވެ. ނަމަވެސް އޭނާ އޭރުވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައެވެ. އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސްވެސް ނެރުނެވެ. އަދި 2011 ވަނަ އަހަރ ލަންކާއިން ހައްޔަރުކޮށްގެން އޭނާ ރާއްޖެ ގެނައެވެ. ނަމަވެސް އެއަށްފަހު އޭނާ ހުންނަނީ ދޫކޮށްލާފައެވެ.

ލަންކާއިން އޭރު އޭނާ ހައްޔަރުކުރީ ވަގު ޕާސްޕޯޓެއްގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭރު އޭނާގެ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާނު ޕާސްޕޯޓެއް ފެނުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް