ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާކަމަށް ވިދާޅުވެ، އިއްޔެގެ ވަގުތެއްގައެވެ.
ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާއިރު ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ނިންމައި ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. އަދި މަޖިލީހުގެ ތަޅުމުން އެކަން ޖުޑީޝަރީ ކޮމިޓީއާ ހަވާލުކުރުމުން ކޮމިޓީގެ މަރުހަލާގައިވެސް ނިންމާފައިވަނީ ވަކި ކުރަން ފެންނަ ކަމަށެވެ.
ގާޒީ ހައިލަމް ސަސްޕެންޑްކޮށް ޖޭއެސްސީން ހައިލަމްގެ މައްސަލަ ބަލަން ފެށީ ނަސްރުގެ ދުވަހު ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕަކަށް އެ ދުވަހުގެ ތަހުނިޔާއާއެކު ފޮނުވި ކުރެހުމަކާއި ގުޅިގެންނެވެ. އެ ކުރެހުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހައި ދަމާ މަންޒަރު ދައްކުވައިދެއެވެ.
އެ މައްސަލަލައިގާ ޖޭއެސްސީއަށް ހާޒިރުވާން އެންގުމުން ހައިލަމް ވަނީ އެކަމަށް އިންކާރުކުރައްވާފައެވެ.
ހައިލަމް އިއްޔެ އިސްތިއުފާ ދެއްވާފައިވާއިރު އިސްތިއުފާ ނުދެއްވި ނަމަ ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނަގާ އޭނާ މަގާމުން ވަކި ކުރާނެ ކަމުގައި ވަރަށް ބޮޑަށް ބެލެވެއެވެ. އެއީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ 19 ވަނަ ދައުރުގައި ވަކި ކުރަން ޖޭއެސްސީން ފޮނުވި އެއްވެސް ފަނޑިޔާރެއް މަޖިލީހުގެ ތަޅުމުން ވަކި ނުކޮށް ނެތުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް