މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ 33 ވަނަ ނަސްރުގެ ދުވުގެ ހާއްސަ ހަރަކާތްތައް ސިފައިން ކުރިޔަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެގެން ރޭ ފަތިސް ނަމާދު އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރެވުނު ކަމަށެވެ. އަދި ނަސްރުގެ ދުވަހުގެ ހާއްސަ ދުއާއެއް ކުރި ކަމަށެވެ.
މިއަދު ހެނދުނު ވަނީ ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ އާއި ގާޑް މައުންޓް ކުރުމަށް ރަސްމިއްޔާތު ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާއީލްގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި ރިޓަޔާޑް ސިފައިން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮންމެ އަހަރަކުވެސް ނަސްރުގެ ދުވަހު ސިފައިން ބާއްވަމުން އަންނަ ވިކްޓްރީ ލެޕް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވާފައިވެ އެވެ. އެ ދުވުން ކުރިޔަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ނޮދާން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑިއެފް ސަދަން އޭރިއާގަ އެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ނެރޭ "އައްޑަނަ" މަޖައްލާގެ 30 ވަނަ އަދަދުވެސް ވަނީ ނެރެފަ އެވެ. އެ މަޖައްލާ ނެރެދެއްވީ މިނިސްޓަރު މާރިޔާ އެވެ.
އެހެން އަހަރުތަކާއި ހިލާފަށް ނަސްރުގެ ދުވަސް މިއަހަރު މާ ކުލަގަދަކޮށް ފާހަގައެއް ނުކުރެ އެވެ. މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒު ވަމުންނެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރީ މީގެ 33 އަހަރު ކުރިން 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު ދިވެހިންގެ ތެރެއިން ބަޔަކު ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާއި ގުޅިގެން ރާއްޖެ އަރައި ދިން ޓެރަރިސްޓު ހަމަލާތަކުގައި ގައުމަށް ޓަކައި ޝަހީދުވި ދިވެހިންގެ ޒިކުރާ އާކޮށް ދިވެހިންނަށް ލިބުނު ނަސްރު ފާހަގަ ކުރާށެވެ.
އެ ދުވަހު 19 ދިވެހިން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ސިފައިންނާއި އާންމުންގެ ތެރެއިން 10 މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް