ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ ވަރލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) އަށް ޒިޔާރަތްކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް ހިމެނޭހެން ރާއްޖޭގެ ވަފްދެއް ވަނީ މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރލްޑް ޓްރެވަލް މާކެޓްގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި 58 އަކަށް ވުރެ ގިނަ ފަތުރުވެރިކަމުގެ ވިޔަފާރި ތަމްސީލުކުރާ ފަރާތްތަކާ ބައްދަލުކުރައްވައި ކޮވިޑްގެ މި ދަތި އުނދަގުލުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ ކަމަށްޓަކައި ހިތްވަރުދެއްވާފަ އެވެ.
ވޯރލްޑް ޓްރެވަލް މާކެޓަކީ ދުނިޔޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިޔަށްގެންދާ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ޙަރަކާތެވެ.
މިއަހަރު އެ ޙަރަކާތް ކުރިޔަށްގެންދަނީ ހައިބްރިޑް ޙަރަކާތެއްގޮތަށެވެ. މިގޮތުން މި ޙަރަކާތުގެ ޢަމަލީ ބައި ކުރިޔަށްގެންދަނީ ނޮވެމްބަރު 1 ވަނަ ދުވަހުން 3 ވަނަ ދުވަހަށް އެކްސެލް ލަންޑަންގަ އެވެ. އަދި މި ޙަރަކާތުގެ ވަރޗުއަލް ބައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހުން 9 ވަނަ ދުވަހަށެވެ.
ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު މުޅި ވޯރލްޑް ޓްރެވަލް މާކެޓް ވެސް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ.
މި އަހަރު ވަރލްޑް ޓްރެވަލް މާކެޓް ބްރޭންޑްކޮށްފައިވަނީ އަންނަން އޮތް ފަތުރުވެރިކަމުގެ ޖީލުތައް ކުރިއަރާނެގޮތަށް ވިސްނައިގެން އާ ޚިޔާލުތަކާއި، އާ ޓެކްނޮލޮޖީ އަދި ކުދި ބޮޑު ހުރިހާ ކަމަކަށް ޙައްލު ހޯދުމުގެ މައްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް