ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން، ސިފައިންގޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، މުޅި މުއައްސަސާ އޮތީ ގަޑުބަޑުވެފައިކަމަށް މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާާާޅުވެއްޖެ އެވެ.
މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އަލަށް އެކުލަވައިލެވުނު ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމް އިފްތިތާޙުކުރުމަށް ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.
އަސްކަރީ ޢަދުލުގެ ނިޒާމަކީ، ސިޔާސީ ނުފޫޒުން ދިވެހި ޤައުމީ ދިފާޢީ ބާރު އެއްކިބާކޮށް،ކަނޑައެޅި ލިޔެފައިވާ ވަކި އުޞޫލުތަކެއްގެ މަތިން ރާވައި، ސިފައިންނާމެދު ޢަދުލުވެރިކޮށް ކަންކަންކުރުމަށް ބާރުއަޅާ، ތަރުތީބުކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ކަނޑައެޅުއްވި ޢަޒުމް ޙާސިލްކުރުމަށް ކުރި މަސައްކަތުގެ ނަތީޖާކަމަށް، މާރިޔާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ ދައުލަތުން އެތައް ޚަރަދުކޮށްގެން، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީނުކޮށް، ތައްޔާރުކޮށްފައި ތިބި ބައެއް ސިފައިން، ނެޗުރަލް ޖަސްޓިސް ޕްރިންސިޕަލްސްއާ ޚިލާފަށް ވަޒީފާއިން ވަކިކޮށް، ސިފައިން ސިޔާސީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމުގެ ނަތީޖާއަކަށްވީ، ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލި، އާންމުންގެ ކުރިމަތީގައި ސިފައިންގެ އަގުވެއްޓެން މެދުވެރިވި ސަބަަބުތަައް ކަމުގަ އެވެ.
މީގެ އިތުރުން ކަމަށް ޤާބިލް، ކިޔަވައިގެން ތިބި ސިފައިން ޤައުމުގެ ދިފާޢީ ބާރުން ވަކިވެގެންދާންޖެހުމަކީ ހަމައެކަނި ސިފައިންނަށް ލިބޭ ނިކަމެތިކަމެއް ނޫން ކަމަށާއި އެއީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ވެސް ލިބޭ ނިކަމެތިކަމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.
މީގެ ތިން އަހަރު ކުރިން، ދިވެހި އަސްކަރިއްޔާ ޕްރޮފެޝަނަލައިޒްކޮށް، ޑިމޮކްރަޓައިޒްކުރުމަށް ސަރުކާރުން ފެށްޓެވި މަސައްކަތަށް، މާތްﷲގެ އިރާދަފުޅުން، ލިބިގެން މިދިޔައީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމުގެ ފަންނީ ލަފަޔާއި ތަޖުރިބާޔާއެކު، ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިގެން ތައްޔާރުކުރައްވާފައިވާ މިޑޮކިޔުމެންޓަކީ އެމްއެންޑީއެފްގެ ތާރީޚުގައި ފާހަގަކުރެވޭނެ އިތުރު ބާބެއް ކަމަށެވެ.
މިނިސްޓަރ މާރިޔާ ވަނީ، މިޑޮކިއުމަންޓް ތައްޔާރުކުރުމުގައި ޙަރަކާތްތެރިވި އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު އަދާކުރައްވާފަ އެވެ.
ނެޗުރަލް ޖަސްޓިސްގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް އަދި އިންސާނީ ޙައްޤުތަކާއި ކަރާމާތަށް އިޙްތިރާމް ނުގެއްލޭނެހެން، ވީހާވެސް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަށް ސިފައިންގެ ކަންކަން ނިންމުމަށް މަގުފަހިކުރާ މިނިޒާމުގެ ތެރެއިން، ސިފައިންނަށް ކުރިން ކުރިމަތިލާންޖެހުނު ވަޒީފާ ގެއްލުމުގެ ބިރުވެރިކަން، ނިމުމަކަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ކޮމާންޑަރ-އިން-ޗީފް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ސިފައިންގެ ލީޑަރޝިޕްގެ ބޭފުޅުން، މިފަދަ ހެޔޮ ބަދަލުތައް ދިވެހި އަސްކަރިއްޔާއަށް ގެނައުމުގައި އަދާކުރައްވާ ދައުރަށާއި ދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.
މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް