ފްރެންޗް ލީގުގައި އެންމެ ފަހުން ޗެމްޕިއަން ލިލް އާއި ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި ލިބުނު އަނިޔާއާއި ގުޅިގެން ޕީއެސްޖީގެ ތަރި ލިއޮނެލް މެސީއަށް މިރޭ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ޖަރުމަންގެ އާރްބީ ލެއިޕްޒިގްއާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.
ލިލް އާއި ވާދަކޮށް 1-2 އިން މޮޅުވި މެޗަުގެ ފުރަތަމަ ހާފަށް ފަހު ދެވަނަ ހާފުގައި އަނިޔާގެ މައްސަލަ ކުރިމަތިވެ މެސީ ވަނީ ބަދަލުކޮށްފައެވެ. އެ މެޗުގައި އަނިޔާވެފައިވަނީ އޭނާގެ ވާތު ފައިގެން ފަލަމަސްގަނޑަށެވެ.
ޕީއެސްޖީގެ ޑޮކްޓަރުންގެ ޓީމާއި ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީއަށް ލިބުނު އަނިޔާއާއި ބެހޭގޮތުން ޕީއެސްޖީގެ ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ މެސީގެ އަނިޔާ އެހާ ސީރިއަސް ނޫން ނަމަވެސް ކުޑަ ދުވަސްކޮޅަކު ކުޅުމާއި ދުރުގައި މަޑުކޮށްލަން ޖެހޭކަމަށެވެ. އަދި މަދުވެގެން މެސީއަށް ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ހަފްތާއެއް ދުވަސް ނަގާނެ ކަމަށް ވެސް ޓޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.
ގިނަ އަހަރުތަކެއް ވަންދެން ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަށް ފަހު ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ އަނިޔާއާއި ގުޅިގެން ޕީއެސްޖީގެ ކޯޗު މައިރީސިއޯ ޕޮޗެޓީނޯ ކުރިން ބުނެފައިވަނީ މިރޭގެ މެޗަށް މެސީ ފިޓްވާނެ ކަމަށް ވެލެވޭ ކަމަށެވެ.
މެސީގެ އަނިޔާ އާއި ގުޅިގެން ލިލް މެޗަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ޕޮޗެޓީނޯ ބުނީ އެންމެ ފަހުން ޗެމްޕިއަން ލިލް އާއި ދެކޮޅަށް ލީގުގައި ޕީއެސްޖީ ކުޅުނު މެޗުގެ ފަހު ހާފުގައި މެސީ ބަދަލުކުރަން ޖެހުނީ މެސީގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށެވެ. އަދި އެ މެޗުގެ ކުރިން ވެސް މެސީ އެހާ ފިޓް ނޫން ކަމަށާއި ނަމަވެސް އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް ބެލެވުމުން ޑޮކްޓަރުންގެ ލަފާގެ މަތިން މެސީ ކުޅެން އެރުވީ ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ޕޮޗެޓީނޯ ބުނީ ލިލް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހުހާފަށް މެސީ ބަދަލުކުރުން އެއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރި ބަދަލެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް