އަފްގާނިސްތާނުގެ ހުރިހާ ސަރަހައްދެއްގައި ބޭރު ގައުމުތަކުގެ ފައިސާ ބޭނުން ކުރުން ތޯލިބާން ސަރުކާރުން މަނާކޮށްފި އެވެ.
މި އެންގުން އައީ އިއްޔެ ކުއްލި ގޮތަކަށެވެ.
ތޯލިބާނުންގެ އިސް ތަރުޖަމާނު ޒަބީހުﷲ މުޖާހިދު އޮންލައިންކޮށް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ވިޔަފާރިތަކާއި އާންމުންނާއި ވިޔަފާރިވެރިން އެއްވެސް މުއާމަލާތެއް ކުރުމަށް ބޭރު ފައިސާ ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެ ގަވައިދާ ހިލާފުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައި ޒަބީހުﷲ ވިދާޅުވެފައިވެ އެވެ.
މި ނިންމުން ނިންމާފައިވަނީ އަފްގާންގެ ރިޒާވްގައި ހުރި 9.5 ބިލިއަން ޑޮލަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި އެމެރިކާއިން ހިފަހައްޓާފައިވާ މައްސަލައިގަ ތޯލިބާނުންނަށް ދަތިތަކާއި ކުރިމަތިވަމުންދަނިކޮށެވެ. ތޯލިބާނުން ދަނީ ގައުމު އާރާސްތުކޮށް ކޮޅަށް ޖެހުމަށް ރިޒާވް ދޫކޮށްލުމަށް އެމެރިކާއަށް ގޮވާލަމުންނެވެ.
އަދި ބައިނަލްއަގުވާމީ މުޖުތަމައު މެދުވެރިކޮށްވެސް އެކަމަށް އެމެރިކާއަށް ބާރު އެޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އަފްގާނިސްތާނުގައި ކާބުލްގައި އާންމު ވިޔަފާރިތަކުގައި އެމެރިކާ ޑޮލަރު ބޭނުން ކުރުމަކީ އާންމު ކަމެކެވެ. އަދި އެކި ގައުމުތަކާއި ގުޅިފައިވާ އެ ގައުމުގެ ބޯޑަރު ސަރަހައްދު ހިމެނޭ ޕްރޮވިންސްތަކުގައި އެހެން ގައުމުތަކުގެ ފައިސާ ބޭނުން ކުރުމަކީވެސް އާންމު ކަމެކެވެ.
އަފްގާނިސްތާނުގައި ބޭރު ފައިސާ ބޭނުން ކުރުން މަނާކުރި އިރު އެ ގައުމުގެ އެތައް މިލިއަން ރައްޔިތުންނެއް ދަނީ ބަނޑުހައި ހޫނުކަން ތަހައްމަލް ކުރަމުންނެވެ. ވަޒީފާ ގެއްލުމާއި އާމްދަނީ ލިބޭނެ މަގުތައް ބަންދުވުމުގެ ސަބަބުން އަފްގާނިސްތާނު ދަނީ ހާލުގައި ޖެހެމުންނެވެ.
ހޮސްޕިޓަލްތަކުން ބޭހާއި އޮކްސިޖަން ފަދަ އެއްޗެހި ހުސްވަމުން ދާއިރު އެ އެއްޗެހި ލިބޭނެ މަގުތައް ވަނީ ބަންދުވެފަ އެވެ. ބޭރު ފައިސާ ބޭނުން ކުރުން މަނާކޮށް އެޅީ ފިޔަވަޅާއި އެކު ސިްްހީ ފަރުވާ ނުލިބެ ބަނޑުހައި ހޫނުކަމުގެ ހާލަތު އިތުރަށް ގޯސްވާނެ އެވެ.
އެ ހާލަތުން އަރައި ގަތުމަށް ގައުމުތަކުން އެހީވުމަށް ތޯލިބާނުން ދަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލަމުންނެވެ. ނުވަތަ އެމީހުން ސަރުކާރު ހިންގުމަށް އަފްގާނުގެ ރިޒާވް ދޫކޮށްދިނުމަށް އެމެރިކާގައި ދަނީ އެދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް