އައްޑޫ ސިޓީ އަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރާކަމުގެ މަޢުލޫމާތު ލިބިގެން 2016 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ލައިގެން ހުރި ބޮކްސާގެ ތެރެއިން ބައި ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އެމީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ ފުލުހުން އޭނާ ފާސްކުރި އިޖުރައާތު ގޯސް ކަމަށް ބުނެއެވެ. މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ބޮކްސާގެ ތެރެއިން މަސްތުވާތަކެތި ފެނުނަސް، ފުލުހުން އޭނާ ބަލައި ފާސްކުރި އިޖުރާއަތު ގޯސް ކަމުގައެވެ.
ހުކުމުގަ ބުނެފައިވަނީ ބަރަހާނާ ކޮށްގެން އޭނާ ފާސްކުރި އިރު އެގޮތަށް ފާސްކުރެވޭނީ ޑިއުޓީ އިންޗާޖްގެ ހުއްދަ ލިބިގެން ކަމަށެވެ. ނަމަވެސް އެފަދަ ހުއްދައެއް ހޯދިކަން އެނގެން ނެތް ކަމުގައި ބުނެފައިވެއެވެ. މީގެ އިތުރުން ފުލުހުން އޭނާ ބަލާ ފާސްކޮށްފައި ވަނީ އެއަރޕޯޓުގެ އިންޓަވިއު ރޫމެއްގައި ކަމުގައި ބުނެފައިވެއެވެ.
އެފަދަ ތަންތަނަކީ އެތަަށް ބަޔަކު ވަދެ ނިކުމެ އުޅޭ ތަނަކަށް ވެފައި މީހުން ބަރަހަނާ ކޮށްގެން ފާސްކުރެވޭނެ ތަނެއް ނޫން ކަމުގައި ބުނެފައިވެއެވެ. އަދި އެފަދަ ތަނެއްގައި މީހަކު ބަރަހަނާ ކޮށްގެން ބެލުމަކީ ޓޯޗާގެ އަމަލެއް ކަމުގައި ބެލެވިދާނެ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާގެ ބޮކްސާގެ ތެރެއިން ފެނިފައިވާ މަސްތުވާތަކެތީގެ ޗެއިން އޮފް ކަަސްޓަޑީ ދިމާނުވާ ކަމަށް ވެސް ބުނެފައިވެއެވެ. އެހެންކަމުން ފުލުހުން ހޯދި ހެކިތަކުގެ ސައްހަ ކަމާއިމެދު ސުވާލު އުފެދި، އަދި ޤާނޫނާއި ޙިލާފަށް ހޯދާފައިވާ ހެކި ތަކެއް ކަމުގައި ވާތީވެ މި މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް