އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބަށް ޚަރަދުވި ޢަދަދު ހާމަކޮށްފި އެވެ.
އެ ޕާޓީން މިކަން ހާމަކުރީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމުގަ އެވެ.
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ 2.3 މިލިއަން ޚަރަދުވި ކަމަށެވެ.
އޭނާ ވިދާޅުވީ އެއީ ވޯޓު ކަރުދާސް ތައްޔާރުކުރުމަށާއި ވޯޓުލާ މަރުކަޒުތަކާއި ދަތުރު ކުރުމަށް ޚަރަދުވި ވަރު ކަމަށެވެ.
އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 93,612 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ. އެހެންނަމަވެސް، ވޯޓުލާފައިވަނީ 47,100 މެމްބަރުން ނެވެ. އެއީ 50.3 އިންސައްތަ މީހުން ނެވެ.
އެ އިންތިޚާބުގައި 455 މަގާމަކަށް ވަނީ މީހުން އައްޔަނުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިންގާ ކޮމިޓީގެ މެންބަރުން، ދާއިރާ، ޕްރޮވިންސް އަދި ސިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނެ އެވެ. އަދި ދާއިރާ، ޕްރޮވިންސް، އަދި ސިޓީތަކުގެ ސެކްރެޓަރީންނާއި ނައިބުންނާއި މީޑިއާ ސެކެރެޓަރީން ވެސް ވަނީ މި އިންތިޚާބުގައި ހޮވާފަ އެވެ.
700 އަށް ވުރެ ކެންޑިޑޭޓުން ވާދަކުރި މި އިންތިޚާބުގައި 150ށް ވުރެ ގިނަ ކެންޑިޑޭޓުން ހޮވުނީ ވޯޓަކާ ނުލަ އެވެ.
އެގޮތުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްލާމާއިލް އާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ އެމްޑީޕީގެ މަގާމުތަކަސް އިންތިހާބުވެވަޑައިގެންފަ އެވެ.
މީގެ އިތުރުން ހުސެއިން އަމްރު އާއި، މުހައްމަދު ސައީދު އަދި މުހައްމަދު ރިޒްވީ ވެސް ވަނީ މި އިންތިޚާބު ކާމިޔާބު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް