ޝާމީ އެއްކޮޅަށް ވާހަކަދެއްކުމުން ވިރާޓްގެ ދަރިފުޅު ރޭޕްކުރާނެ ކަމުގެ އިންޒާރު ދީފި

ޓީ 20 ވޯލްޑްކަޕް ކްރިކެޓް މުބާރާތުގެ ފައިނަލް މެޗުން ޕާކިސްތާނު އަތުން އިންޑިއާ ބަލިވުމުގެ ޒިންމާ އިންޑިއާ މީހުން އަޅުވަމުންދާ ޓީމުގައި ހިމެނޭ ހަމައެކަނި މުސްލިމް ކުޅުންތެރިޔާ މުހައްމަދު ޝާމީ އާއި އެއ...

03 Nov 2021 | 09:18

ޓީ 20 ވޯލްޑްކަޕް ކްރިކެޓް މުބާރާތުގެ ފައިނަލް މެޗުން ޕާކިސްތާނު އަތުން އިންޑިއާ ބަލިވުމުގެ ޒިންމާ އިންޑިއާ މީހުން އަޅުވަމުންދާ ޓީމުގައި ހިމެނޭ ހަމައެކަނި މުސްލިމް ކުޅުންތެރިޔާ މުހައްމަދު ޝާމީ އާއި އެއްކޮޅަށް ވާހަކަދެއްކުމުން ވިރާޓް ކޮއްލީއަށް އިންޒާރު ދީފި އެވެ.

ވިރާޓަކީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނެކެވެ. އަދި އޭނާ އަކީ ފައިނަލްގަ އިންޑިއާ ބަލިވުމުން ޝާމީއަށް ކުރަމުންދާ ފުރައްސާރަ އާއި ދެކޮޅަށް ވާދަކަ ދެއްކި އެ ޓީމުގެ ހަމައެކަނި ކުޅުންތެރިއާ އަދި އޮފިޝަލެވެ.

އިންޑިއާގެ އާންމުން ބުނަމުންދަނީ ޕާކިސްތާނު އެ މެޗުން މޮޅުވީ ޝާމީ ގަސްދުގައި އެމީހުންނަށް މެޗު ދިނުމުން ކަމަށެވެ. އަދި 10 ވިކެޓުން އިންޑިއާ ބަލިވުމުގެ ފުރިހަމަ ޒިންމާ ޝާމީ ނަގަން ޖެހޭ ނެ ކަމަށް ބުނެ އޭނާއަށް ދަނީ ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދީ ފުރައްސާރަ ކުރަމުންނެވެ.

އެ ފުރައްސާރަތަކަށް ކެތްނުކުރެވިގެން ވިރާޓް ސޯޝަލް މީޑިއާގައި ބުނީ ޓީމު މަސައްކަތް ކުރީ އެއްކޮށް ކަމަށެވެ. ބަލިވުމުގެ ޒިންމާވެސް އެއްކޮށްނަގާ ކަމަށާއި ޝާމީގެ ބޮލުގައި އެކަނި އެކަން އަޅުވައިގެން ނުވާނެ ކަމަށެވެ.

އަދި ދަނޑަށް އަރާތިބެ ޓީމު ގުޅިގެން މޮޅުވާން ކުރާ މަސައްކަތް ބަލަން ތިބޭ މީހުންނަށް އިހުސާސްވެސް ނުކުރެވޭނެ ކަމަށް ބުނެ ވިރާޓް ވަނީ ޝާމީ ބާކީ ނުވާނެ ގޮތަށް ވާހަކަ ދައްކާފަ އެވެ.

ވިރާޓްގެ ވާހަކަތަކާއި ގުޅިގެން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އޭގެ ތެރެއަށް އަންހެނުން އަދި ބޮލީވުޑްގެ ބަޔަލާ އަނުޝްކާ ޝަރުމާވެސް ވަނީ ވައްދާފަ އެވެ. މީގެ ކުރީގެ ކްރިކެޓް މެޗުތަކުގައިވެސް އިންޑިއާ ބަލިވެއްޖެ ނަމަ އެކަމުގެ ޒިންމާ އަނުޝްކާ މެޗު ބަލަން ގޮސް އިނުމާއި ގުޅުވުމަކީ އާންމު ކަމެކެވެ.

އެކަމަކު މިފަހަރު ފާޑުކިޔާ މީހުންގެ ކަންތައް ދިޔައީ މާ މައްޗަށެވެ. ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި މީހަކު ވަނީ ވިރާޓާއި އަނުޝްކާގެ ނުވަ މަހުގެ ދަރިފުޅު ވަމިކާ ޝަރުމާ ކޮއްލީ ރޭޕް ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. މި އިންޒާރުން އަނުޝްކާ ވަނީ ހައިރާން ކޮއްލާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި އިންޒާރާއި ގުޅިގެން އަނުޝްކާ ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރެ އެވެ. އަދި ކުޅިވަރުގެކަމެއްގައި މިހާ މައްޗަށް ދުއްވާލާނެ ކަމަށް އޭނާ ހިތަކަށް ނާރުވައެވެ.

އެކަމަކު އަނުޝްކާގެ ގާތް މީހަކު ބުނީ އެގޮތަށް ދޭ އިންޒާރާއި ފާޑުކިޔުންތަކާއި ގުޅިގެން އޭނާ ފަސް ޖެހި ބިރު ނުގަންނާނެ ކަމަށެވެ. އެކަމަކު ފާޑުކިޔުމާއި ފުރައްސާރަ ކުރުމަށް ވަކި ހައްދެއް އޮންނަންވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އިންޑިއާ ކްރިކެޓުން ބަލިވުމުން އުފާފާޅު ކުރާ މުސްލިމް އިންޑިއާ ރައްޔިތުންވެސް ދަނީ ސައިބާ ޓެރަރިޒަމްގެ ކުށުގައި ހައްޔަރު ކުރަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި ޕާކިސްތާން މޮޅުވުމުން އުފާފާޅު ކުރި އިންޑިއާ މުސްލިމުން ވަޒީފާއިން ވަކިކޮށް ކޮލެޖުތަކުން ވަކިކޮށްފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް