ބ. އަތޮޅަށް ދެމުންދާ ފެރީގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭ: އަތޮޅު ކައުންސިލު

ބ. އަތޮޅަށް ދެމުންދާ ފެރީގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށް ބުނެ، އެ އަތޮޅުގެ ކައުންސިލުންބުނެފި އެވެ. އެ އަތޮޅު ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އަތޮޅުގެ މީހުން ދިރ...

03 Nov 2021 | 09:06

ބ. އަތޮޅަށް ދެމުންދާ ފެރީގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށް ބުނެ، އެ އަތޮޅުގެ ކައުންސިލުންބުނެފި އެވެ.

އެ އަތޮޅު ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ފެރީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ (އެމްޓީސީސީ ގެ ފަރާތުން ފޯރުކޮށްދެމުންދާ ފެރީގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ލިބެމުންނުދާ ކަމަށެވެ.

އެގޮތުން އަތޮޅުތެރޭގައި ފެރީގެ ޚިދުމަތް ދެމުން އަންނަ ދެ އުޅަނދުން އެއް އުޅަނދުގެ އިންޖީނު ތަކުރާރުކޮށް ތަފާތު މައްސަލަތައް ކުރިމަތިވެ، ދަތުރު ނުކުރެވޭ ހާލަތްތައް އިތުރުވަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަމުގެ ކަންބޮޑުވުން އަތޮޅުގެ ރައްޔިތުން ފާޅު ކުރަަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

"އުޅަނދުތަކަށް މައްސަލަތަކެއް ކުރިމަތިވެ ދަތުރު ނުކުރެވޭނޭކަން ކައުންސިލްތަކާއި ހިއްސާ ނުކޮށް، އަތޮޅުގެ ބައެއް ރަށްރަށުން އެ ޚިިދުމަތް ލިބިގަތުމަށްޓަކައި ރައްޔިތުން ބަނދަރު ސަރަހައްދަށް ނިކުންނަ ފަހުންވެސް ދަތުރު ކެންސަލްވެފައިވާ ކަމުގެ މަޢުލޫމާތު ހިއްސާ ކުރާކަންވަނީ ފާހަގަކުރެވިފަ. އަދި އެފަދަ ކަންކަން ދިމާވެގެން ދަތުރު ކެންސަލް ކުރާ ބައެއް ހާލަތްތަކުގައި އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންނަށް ފެންނަގޮތަށް ފެރީގެ ޚިދުމަތުގެ ބޭނުން ކުރާ އުޅަނދުގެ ވެރި ފަރާތުން އަމިއްލަ ދަތުރުތައް ކޮށްފައިވާ ކަމުގެ މަޢުލޫމާތުވެސް ކައުންސިލާއި އަތޮޅުގެ ބައެއް ރައްޔިތުން ހިއްސާ ކޮށްފައިވޭ." ބ. އަތޮޅު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފެރީއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ދަތުރު ނުކުރެވި، އަތޮޅުގެ ބައެއް ރަށްރަށުގެ ރައްޔިތުންނަށް ދެ ހަފްތާއެއް ދުވަހަށް އެ ޚިދުމަތުން މަހުރޫމު ވާން ޖެހޭ ހާލަތްތައް ވެސް އަތޮޅުގެ ރައްޔިތުން ވަނީ ތަޖުރިބާ ކޮށްފައި ކަމަށާއި މިކަންކަން ތަކުރާރު ވަމުންދާތީ ހައްލެއް ހޯއްދަވައި ދެއްވުމަށް އެދި އެމްޓީސީސި އާއިއެކު ތަފާތު ފޯރަމްތަކުގައި މަޝްވަރާކުރެވިފައި ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް މިއަދާއި ހަމައަށް އައި އިރުވެސް ހައްލެއް ލިބިފައި ނުވާކަން ފާހަގަ އަތޮޅު ކައުންސިލުން ވަނީ ފާހަގަކށްފަ އެވެ.

އަތޮޅުތެރޭގެ ރައްޔިތުންނަށްޓަކައި ސަރުކާރުން ފޯރު ކޮށްދެމުން ގެންދަވާ ފެރީގެ ޚިދުމަތަކީ މާތް މަޤްސަދެއްގައި ފަށްޓަވާދެއްވާފައިވާ ޚިދުމަތެއް ކަމަށާއި އެއީ ރައްޔިތުންނަށް ޚަރަދު ކުޑަ ލުއި ފަސޭހަ ކަން ލިބިގެންވާ ޚިދުމަތެއް ކަމުގައި ފާހަގަކޮށް، އެ ޚިދުމަތް ރައްޔިތުން އެދޭ މިންވަރަކަށް ފޯރުކޮށް ނުދެވޭކަމީ އެ ކައުންސިލްގެ ވަަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ހަމައެހެންމެ ފެރީގެ ޚިދުމަތް ދޭ ކުންފުނިން ޚިދުމަތް ފުރިހަމަ ކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ޤަވާއިދުން އަޅަމުން ނުދާކަން ފާހަަގަކޮށް އެކަން އަތޮޅު ކައުންސިލުން ވަނީ ކުށްވެރި ކޮށްފަ އެވެ.

މީގެ އިތުރުން އަތޮޅުތެރޭގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދެއްވުމަށް ފަށްޓަވާފައިވާ ފެރީގެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ބ. އަތޮޅުގެ ރައްޔިތުންނަށް ލިބިގަނެވޭނެ މަގުފަހި ކޮށްދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް