ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް އާއި ކޭވައިއާރްސީއަށް ފަސޭހަ މޮޅެއް

މިހާރު ކުރިއަށްދާ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތައް ގްރީން ސްޓްރީޓްސް އާއި ކޭވައިއާރްސީ އިން ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ. ގްރީން ސްޓްރީޓްސް އިން މެޗު ކާމިޔާބުކުރީ ލޮރެ...

03 Nov 2021 | 08:50

މިހާރު ކުރިއަށްދާ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުތައް ގްރީން ސްޓްރީޓްސް އާއި ކޭވައިއާރްސީ އިން ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ.

ގްރީން ސްޓްރީޓްސް އިން މެޗު ކާމިޔާބުކުރީ ލޮރެންޒޯ އާ ވާދަކޮށް 56 ޕޮއިންޓު 16 ޕޮއިންޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމި ހޯދީ ގްރީން ސްޓްރީޓްސްގެ އައިމިނަތު ރީމް ޝާމް އެވެ.

ރޭ ދެން ކުޅުނީ ކޭވައިއާރްސީ އާއި މަޓްރިކްސް އެވެ. މި މެޗު90 ޕޮއިންޓު3 ޕޮއިންޓުގެ ތަފާތުން ކާމިޔާބުކުރީ ކޭވައިއާރްސީ އެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުުގެ މަގާމަަށް ހޮވުނީ ކޭވައިއާރްސީއަށް މޮޅު ކުޅުމެއް ދެއްކި މަރިޔަމް ޝިނާޢަތު އެވެ.

މި މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ޔޫތް ޔުނައިޓެޑް ނުކުންނާނީ ޔުނައިޓެޑް ޔުނިޓީ އާ ދެކޮޅަށެވެ. މި މެޗު ފަށާނީ 19:45 ގަ އެވެ.

21:30 ގައި ފަށާ ދެވަނަ މެޗުގައި ވާދަކުރާނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ސްކައިލާރކް އެވެ.

މިއަހަރުގެ މުބާރާތުގައި 10 ޓީމު ބައިވެރިވެފައިވާ އިރު، މި ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ދެ މެޗު ކުޅުމަށް ތާވަލުކޮށްފައިވާ އިރު، ފުރަތަމަ މެޗު 19:45 ގައި ފަށާނެ އެވެ. އަދި ދެވަނަ މެޗު ފަށާނީ 21:30 އެވެ.

ހުކުރު ދުވަހު 3 މެޗުު ކުޅުމަށް ވަނީ ނިންމާފަ އެވެ. އެއީ ހަވީރު 16:30 އަދި ރޭގަނޑު ދެ މެޗެވެ.

މި މުބާރާތް މި ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ  އިރު، ނޮވެމްބަރ 10 ވަނަ ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ އެއްވަނަ ޓީމާއި ގްރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭ ގެ ދެވަނަ ޓީމެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ބެލުމަށް ވަނުން ވަނީ ހިލޭ ހުޅުވާލާފަ އެވެ.

އެހެންނަމަވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވާންޖެހޭނެ ކަމަށާއި ކޮވިޑުން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މާސްކު އަޅައިގެން ތިބުމަށް އެސޯސިއޭޝަނުން ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް