ހިޔާ ޓަވަރު 9 ގައި ނަރުދަމާ މަސައްކަތެއް ކުރާތީ ފެނުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް އެޗްޑީސީން ބުނެފި އެވެ.
އެޗްޑީސީން ބުނީ އެ ޓަވަރުގެ ނަރުދަމާ ނިޒާމްގެ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވަނީ މިއަދު މެންދުރުފަހު 3:30 އިން ހަވީރު 5:00 އަށް ކަމަށެވެ. އަދި މިގޮތަށް ވަގުތު ކަނޑައަޅާފައިވީނަމަވެސް މަސައްކަތުގެ ބާވަތުން ވަގުތަށް ވުރެން އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކަމުގެ ސަބަބުން ފުލެޓުގައި ދިރިއުޅޭމުންދާ ފަރާތްތަކާއި ފުލެޓުގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މައާފަށް އެދިފަ އެވެ.
ހިޔާ ފްލެޓްތަކުގެ ހިމެނޭ 6،720 ހައުސިންގ ޔުނިޓް ހިމެނޭއިރު، މިހާތަނަށް 650 އާއިލާއަކުން ވަނީ ހިޔާ ފްލެޓަށް އެއްކޮށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
އެހެންކަމުން 3،000 އަށް ވުރެ ގިނަ މީހުން ހިޔާ ފްލެޓުތަކުގައި މިހާރުއަންނަނީ ދިރިއުޅެމުން ނެވެ.
ފްލެޓްތަކުން ފީ ނަގަން ފެށުމުގެ ކުރިން، އާންމު ޚިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވާ އިރު، ފިހާރައާއި ކެފޭ ރެސްޓޯރަންޓު ފަދަ ތަންތަން ހެދުމަށް މިހާރުވަނީ ބީލަމަށް ހުޅުވާލާފަ އެވެ.
އެގޮތުން ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި މިދިޔަ އޮކްޓޯބަރ މަހުގެ ތެރޭގައި ފިހާރައެއް ވަނީ ހުޅުވާފަ އެވެ.
އެ ސަރަހައްދުގައި ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ސަރަހައްދުގައި ވަގުތީ މިސްކިތެއް ހެދުމުގެ މަސައްކަތްކުރާނެ ބަޔަކު ވެސް ހޯދުމަށް ވަނީ އިއުލާން ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް