ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަސް ދިވެހިންނަށް ހަނދާން އައުކޮށްދެނީ، އަމިއްލަ އެދުމުގެ ކުރިއަށް ދީނާއި ޤައުމު ނެރެންޖެހޭ ކަން ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ 34 ވަނަ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެންމެހާ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުވާ ނެރުއްވި ހިޠާބެއް މެދުވެރިކޮށެވެ.
ރައީސް ވިދާޅުވީ ނަޞްރުގެ ދުވަހެއް ފާހަގަކުރަމުންމި އަންނަނީ، ހިތްވަރުގަދަ ދިވެހި ސިފައިން ވެފައިވާ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ހަނދާންތައް އައުކޮށްދެމުން ކަމަށެވެ. އަދި ދީނާއި ޤައުމަށްޓަކައި ފުރާނައިން ފިދާވެދިޔަ އެތައް ސިފައިންނެއްގެ ޒިކުރާ އައުކޮށްދެމުން ކަމަށެވެ.
މިއީ، ދުޝްމަނުން ދެމުންދިޔަ ވަރުގަދަ ޙަމަލާތަކުގެ ކުރިމަތީގައި، ދިވެހި ޢަސްކަރިއްޔާގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުން، އަމާންނުދީ ސާބިތުކަމާއެކު ހަނގުރާމަކޮށް، ދިވެހި ޤައުމަށް ނަޞްރު ހޯދައިދިން ދުވަސް ކަމުގައި ރައީސް ފާހަގަކުރައްވާފައި ވެއެވެ.
ނަސްރުގެ ދުވަސް ދިވެހިންނަށް ހަނދާން އާކޮށްދެނީ، ގައުމީ މަސްލަހަތު ދެމެހެއްޓުމުގެ މުހިންމުކަން ކަމަށާއި ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ދަނީ ތަފާތުވަމުންކަމުގައި ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން ރައްޔިތުން، އެއް ޢަޒުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި ތިބެ، އެފަދަ ކަންކަމާ ކުރިމަތިލައިފިނަމަ، މާތްﷲ ގެ ވާގިފުޅާއި މިންވަރުފުޅުން ކާމިޔާބާއި ނަސްރު ލިބޭނެކަން ކަށަވަރުކަމުގައި ވިދާޅުވި އެވެ.
އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް، ކާބަފައިންނެކޭ އެއްފަދައިން ހަނގުރާމަކުރުމަށް ފަސްނުޖެހޭ، ޒުވާން ލޭ ހިނގާ ދަރިން، މި ގައުމުގައި އާލާވެ އިތުރުވަމުން ދާންޖެހޭ ކަމަށާއި ޝަހީދު ކޯޕްރަލް ހުސައިން އާދަމާއި، ނޮވެންބަރު ތިނެއްގައި ޝަހީދުވެދިޔަ ގައުމީ ބަތޮލުން އެ ސާބިތުކޮށްދެއްވީ އެކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.
"މިއަދު ރާއްޖޭގެ ކޯއްޓޭތަކުގައި، ފެއްސާއި ރަތާއި ހުދުގެ ޤައުމީ ދިދަ ވިހުރެމުން އެދަނީ، އެ ދުވަހު ދިވެހި ސިފައިން ވެފައިވާ މަތިވެރި ގުރުބާނީގެ ސަބަބުން. އެ ބޭފުޅުން އެ ދުވަހު މި ގައުމަށް ދެއްކެވި ނަމޫނާއަކީ، މިއަދާއި މާދަމާގެ ދަރިންވެސް، އެބޭކަލުންގެ ޒިކުރާ އަބަދުވެސް އާކުރަންޖެހޭނެ މަތިވެރި ނަމޫނާއެއް." ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ފޯރުކޮށްދިނީ، ދިވެހި ދަރިންގެ ހިތްވަރާއި ހިންމަތާއި މިންނަތުން ކަމަށާއި ދިވެހި ދަރީންތަކެއް ވެދިން މަތިވެރި ޤުރުބާނީގެ ސަބަބުން ކަމަށެވެ.
އެ ދުވަހު ބައިނަލްއަގްވާމީ ދުނިޔެ ރާއްޖެއާއެކު ސާބިތުވެ އޮތް އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރުގަދަ ހިތްވަރެއް ކަމުގައި ވިދާޅުވެ، ޚާއްސަ ކޮށް އަވަށްޓެރި އިންޑިއާއިން އެ ދުވަހު ފޯރުކޮށްދިން ޢަސްކަރީ އަވަސް އެހީގެ މަތިން ހަނދާންކޮަށް އެ ޤައުމުގެ ސަރުކާރަށް ހައްޤު ޝުކުރު އަދާކުރަން ޖެހޭ ކަމުގައި ރައީސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް