ކްލައިމެޓް ފައިނޭންސް ފަސޭހަކަމާއެކު ލިބޭނޭގޮތް މަގުފަހިކުރުމަށް މަސައްކަތްކޮށްދޭން ރައީސް އެދިވަޑައިގެންފި

'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ބާރުއަޅުއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވައިފި އެވެ. ކޮޕް26ގެ ހަވާސާގައި ކުރިއަށްދިޔަ ކ...

03 Nov 2021 | 06:02

'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ބާރުއަޅުއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވައިފި އެވެ.

ކޮޕް26ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑަރސް އެޓް ދަ ވޯރލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިހާރު އޮތް 'ކްލައިމެޓް ފައިނޭންސް' ހޯދުމަށް ކުރަންޖެހޭ ބުރަ މަސައްކަތް ފާހަގަކުރައްވާފަ އެވެ.

އެގޮތުން ކޮމަންވެލްތުން މިފަދަ ކަންކަމުގައި އިސްނަގައި 'ކްލައިމެޓް ފައިނޭންސް' ފަސޭހަކަމާއެކު އެއަށް ބޭނުންޖެހިފައިވާ ޤައުމުތަކަށް ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި 'ކޮމަންވެލްތް ކްލައިމެޓް ފައިނޭންސް އެކްސެސް ހަބް' ގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

އެމަނިކުފާނު ވަނީ ކޮޕް26 ގެ ބައްދަލުވުމުގައި ނިންމާ ނިންމުންތަކަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކު ބަރޯސާވާމިންވަރު އަންގައިދެއްވައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން ކޮޕް26 ގެ ބައްދަލުވުމުގައި ރަނގަޅަށް ގޮތް ނިންމެވުމަށް ބާރުއަޅުއްވާފަ އެވެ.

އެގޮތުން އެމަނިކުފާނު ވަނީ ކޮޕް26 ގެ ބައްދަލުވުމުގައި ރަނގަޅު ނިންމުންތައް ނުނިންމިއްޖެނަމަ، އިތުރު އެތައް ބިލިއަން މީހުނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި، އޭގެތެރޭގައި މުޅި ރާއްޖޭގެ ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމުގައި ވިދާޅުވެފަ އެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވަނީ މި ބައްދަލުވުމުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ރަނގަޅު ނިންމުން ނިންމެވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް