ކޮޕް26ގެ ހަވާސާގައި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ބައިވެރިވެވަޑައިގެންފި އެވެ.
މި ވަށްމޭޒު ބައްދަލުވުމުގެ ބައިވެރިން ވަނީ 1.5 ޑިގްރީ ސެލްސިއަސްއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ ނިންމުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެގޮތުން އެބޭފުޅުން ވަނީ އެ ލަނޑުދަނޑި ޙާޞިލުކުރުމަށް ބޭނުންވާ 'ކްލައިމެޓް ފައިނޭންސިންގ ' އަށާއި، އެކަމަށް އަހައްމިއްޔަތުކަން ނުދެވިއްޖެނަމަ ކުރިމަތިވާނެ ގެއްލުންތަކަށާއި، އެކަމަށް އަހުލުވެރިވުމަށް ބޭނުންވާ އެހީތެރިކަން ފާހަގަކުރައްވާފަ އެވެ. އަދި މި ބައްދަލުވުމުގެ ބައިވެރިން ވަނީ ކުދި ޖަޒީރާ ރަށްތަކުން އެއްބައިވެ ހުށަހަޅަމުންދާ މައްސަލައަކީ މިހާރު އެއް މައްސަލައެއްގޮތަށް ފާހަގަކުރައްވާ އެކަން ޙައްލުކުރުމަށް އުންމީދު އާކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
މީގެ އިތުރުން މިބޭފުޅުން ވަނީ ކޮޕް26ގެ ބައްދަލުވުމުގެ ތެރެއިން ހަމަޖެހިގެންދާނެކަމަށް ބެލެވޭ ކަންކަމާއިމެދުވެސް މަޝްވަރާކުރައްވާފަ އެވެ.
ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީންބައިވެރިވެވަޑައިގެންނެވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކަށް މީހުން އަހުލުވެރިކުރުވައި، އެފަދަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމަށް ރާއްޖޭން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް