ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް 34 ފަރާތެއް ކޮމިޝަނުން އައްޔަނުކޮށްފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލް ސަރވިސް އެންމެ އިސްވެރިޔާގެ ގޮތުގައި 1 ސިޓީ ކައުންސިލް، 4 އަތޮޅު ކައުންސިލް އަދި 29 ރަށު ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަނީ ބޭފުޅުން އައްޔަން ކުރައްވާފަ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޮވުމުގެ ޕްރޮސެސް ނިމި، މީހުން އައްޔަނު ނުކުރެވި ހުރި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، ކޮމިޝަނުން މީހުން އައްޔަނުކުރަމުން ގެންދާނެ އެވެ.
ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް ކުރިމަތިލުމަށް 20 ޖޫން 2021 ގައި ކޮމިޝަނުން ޢާންމުކޮށް ހުޅުވާލުމުން، އެ މަގާމުތަކަށް 511 ފަރާތަކުން ވަނީ ކުރިމަތިލައިފަ އެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ.
އެކިއެކި ސަބަބުތަކާހުރެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަލުން އިޢުލާނުކުރެވުނު 75 ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުތަކަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާ މިހާރުވެސް ކުރިޔަށް އެބަދެއެވެ.
މިހާރު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަނުކުރެވިފައިވާ ފަރާތްތަކަށް 8-10 ނޮވެންބަރު 2021 ގައި އޮރިއެންޓޭޝަން ޕްރޮގްރާމެއް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް