ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޕްރީ ސްކޫލެއް ހިންގަވަން ފައްޓަވައިފިއެވެ.
ކޮއްކޮމެންގެ ޕްރީ ސްކޫލްގެ ނަމުގައި މާލޭގައި ހިންގަމުން އައި ސްކޫލެއް މިދިޔަ މަހު ބައްލަވައިގަނެ އެތަން ހިންގަމުން އަންނަކަން މިއަދު ޝަހީމް ވަނީ ސޯޝަލް މީޑިއާގައި ހާމަކުރައްވާފަ އެވެ. އަދި އެ ޕްރީސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމުގައި ވެސް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވިގޮތުގައި އިނގިރޭސި ދިވެހި ބަހަށް ފަރިތަކުރުވާ ފަދައިން ކީރިތި ޤުރުއާނާ ޢަރަބި ބަހަށް ވެސް ކޮއްކޮމެންގެ ޕްރީސްކޫލުގައި ފަރިތަކޮށްދެވޭނެއެވެ.
ކޮށްކޮމެންގެ ޕްރީސްކޫލުގައި ކިޔަވައިދެއްވާނީ ޤައުމީ ސިލަބަހަށް ބިނާކޮށް ކަމަށާއި، ރީތިކޮށް ޤުރުއާން ކިޔަވަން ވެސް އެނގޭ ދަރީންތަކެއް ނެރޭ ސްކޫލަކަށް އެތަން ހެދުމަށް ގަދަ އަޅައި މަސައްކަތް ކުރާނަން ކަމުގައި ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވި ގޮތުގައި އަމާޒަކީ، ބެލެނިވެރިންނަށް ފަސޭހަވާނެ ގޮތައް ސްކޫލުގެ ބޭރުން އިތުރު ޓިއުޝަނަކަށް ނުފޮނުވައި ސްކޫލުން ފިލި ވެސް ދަސްކުރެވޭ ވަރަށް އެހީތެރިވުމެވެ. މީގެ އިތުރުން ޢިލްމު އިންސްޓިއުޓްގައި ކުރިއަށް ގެންދެވޭ ޤުރުއާނާ ޢަރަބި ބަހާ ގުޅޭ އެންމެހާ ޕްރޮގްރާމެއްގައި ކޮަށްކޮމެންގެ ޕްރީސްކޫލުން ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އަދި ކޮންމެ އަހަރަކުވެސް ޔަތީމް ކުދިންނާއި އެކަނިވެރި މައިންގެ ކުދިންނަށް ހިލޭ ކިޔެވޭނެ ޚާއްޞަ ޖާގަ މާތް ﷲ އިރާދަކުރެއްވިއްޔާ ހަމަޖައްސާނެ ކަމަށް ޝަހީމް ވިދާޅުވެފައިވެއެވެ.
އެގޮތުން މުސްތަޤުބަލުގައި ސްކޫލުގެ މަޤުޞަދަކަށްވާނީ، ފެންވަރު ރަނގަޅު ޒަމާނީ ތަޢުލީމެއް ފޯރުކޮށްދިނުމާއެކު، ރިވެތި އަދަބު އަޚުލާޤާއި ހުނަރުވެރިކަމާއި ރިވެތި ގޮތްތައް ދަސްކޮށް ދިނުންކަމުގައި ޝަހީމް ވިދާޅުވެފައިވެއެވެ.އަދި "ﷲ އިރާދަކުރެއްވިއްޔާ އެތަންވެގެންދާނީ ތަޢުލީމާއި ތަރުބިޔަތުގެ ބަގީޗާއަކަށްކަމުގައި ވިދާޅުވެފައިވެއެވެ.
ކޮއްކޮމެންގެ ޕްރީސްކޫލަކީ ފެންވަރު ރަނގަޅު ވަސީލަތްތަކާއި އެކު ޤާއިމު ކުރެވިފައިވާ، ކުޑަކުދިން ޝައުގު ވެރިވާނެފަދަ މާހައުލެއްކަމުގައި ކަން ހާމަ ކުރައްވާފައިވެއެވެ. މާލޭގައި ސްކޫލް ހުންނަ މަގަކީ ތަނަވަސް މަގެއްކަމުގައި ވިދާޅުވެ، ސްކޫލުން ޖާގަ ހޯދަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައިކަމުގައި ވިދާޅުވިއެވެ. އަދި ސިޔާސަތަކީ ކޮންމެ ކްލާހެއްގައި ވެސް 15 ދަރިވަރުންނަށް ވުރެ އިތުރު ނުކުރުން ކަމުގައި ވިދާޅުވެފައިވެއެވެ.
ޝަހީމު ވިދާޅުވީ ތަނަވަސް ޕްލޭގްރައުންޑަކާއި އެކު ހެދިފައިވާ މި ސްކޫލްގައި ކޮންމެ ކްލާސް ރޫމެއްގައި ވަނީ އޭސީ ކުރެވި ޓީވީ ބެހެއްޓިފައި ކަމުގައެވެ. އަދި ކިޔަވައިދެއްވަން ތަޖުރިބާ ކާރު އޯގާތެރި ޓީޗަރުން ތިއްބަވާނެކަމުގައި ވިދާޅުވެފައިވެއެވެ. ރާއްޖެއިން ބޭރުގެ ޕްރީސްކޫލްތަކުން މުވައްޒަފުން ތަމްރިން ކުރެވިގެން ދާނެ ކަމުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ސީސީޓީވީ އިން ޕްރިންސިޕަލް އަށް ހުރިހާ ކްލާސްރޫމްތަކެއް ފެންނާނެހެން ސްކްރީން ބެހެއްޓިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް