ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ

ނޮވެމްބަރު ތިނެއްގެ ގެ ޢުދުވާނީ ހަމަލާއަކީ 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ވީ ބުރާސްފަތި ދުވަހު ދިވެހިންގެ ބަޔަކު ސުރީލަންކާގެ ތަމަޅަ ޓެރަރިސްޓުންނާ ގުޅިގެން ދީފައިވާ އުދުވާނީ ޙަމަލާ އެކެވެ. މި ޙ...

03 Nov 2021 | 04:24

ނޮވެމްބަރު ތިނެއްގެ ގެ ޢުދުވާނީ ހަމަލާއަކީ 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ވީ ބުރާސްފަތި ދުވަހު ދިވެހިންގެ ބަޔަކު ސުރީލަންކާގެ ތަމަޅަ ޓެރަރިސްޓުންނާ ގުޅިގެން ދީފައިވާ އުދުވާނީ ޙަމަލާ އެކެވެ.

މި ޙަމަލާ 18 ގަޑިއިރަށް ދެމިގެން ގޮސްފަވެއެވެ.

މި ޢުދުވާނު ހިންގުމުގެ އެންމެ އިސް މީހަކީ ހ. ހާޖަރަގޭ ޢަދުއްﷲ ލުތުފީ އެވެ. އަބްދުﷲ ލުތުފީ އަކީ އުމުރުގެ ކުރީކޮޅުން ފެށިގެންވެސް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާ ޙިލާފުވެ، އަދަބު ލިބި ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. ބޭނުންވާފަދަ މިނިވަންކަމާއި އެކު މި ޤައުމުގައި އުޅެވެން ނެތުމުން އުމުރުން ނަވާރަ އަހަރުން ފެށިގެން ސަރުކާރާއި ދެކޮޅު ރޭވުންތައް ރާވަމުން ދިޔަ ފަރާތެކެވެ.

އުމުރުން 19 އަހަރުގައިވެސް ސަރުކާރާއި ދެކޮަޅު ރޭވުމެއް ރާވާ ދެ ފިސްތޯލައާއި ވަޒަން އެތެރެ ކޮށްފައިވާ މީހެކެވެ. މީގެ އިތުރުން އަވަށްޓެރި ޤައުމުތަކާއި އެކު ހުއްދަ ނޫން ވިޔަފާރި ކުރާކަމަށްވެއެވެ.

މި ޙަމަލާ ރޭވުމަށްޓަކައި އަބްދުﷲ ލުތުފީ 1986 ވަނަ އަހަރުން ފެށިގެން ސިލޯނަށް ދިރިއުޅުން ބަދަލު ކުރުމަށްފަހު ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތަކާއި ގުޅިގެން މި ޙަމަލާގެ ކަންތައް ދިޔައީ ރާވަމުންނެވެ. މި ހަމަލާ ރާވާފައި ވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެން ސިފައިންގެއާއި، އިސްލާމީ މަރުކަޒާއި، ޕޮލިސް ހެޑްކުއާޓަރޒް އާއި ސަރުކާރުގެ ވެރިން ހިފާ ހައްޔަރު ކުރުމަށެވެ.

ދުޝްމިނުން މާލެ އެރީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ފަތިހު ހަތަރެއް ޖެހިއިރުއެވެ. ފަތިހަށް އަލިވާން ކައިރިވެފައިވަނިކޮށް ދިވެހިންނަށް ކުއްލި ސިހުމެއް ލިބުނީ ދުޝްމަނުންގެ ބަޑީގެ އަޑުފަށް ގަނޑުންނެވެ. ފުރަތަމަ ދިވެހިން ހީކުރީ އެއީ ޖުމްހޫރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ސިފައިން ކުރާ ކަމެެއްކަމަށެވެ. ނަމަވެސް ބަޑީގެ ދެވަނަ އަޑާ އެކު އާންމު ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަދެގެން ދިޔައެވެ.

ދުޝްމިނުންގެ ހަމަލާތައް ސިފައިންގެ މައި މަރުކަޒަށް އަމާޒުވާން ފެށުމާއެކު އެވަގުތު ސިފައިންގެ މައިގޭޓުގެ ހުޅަނގު ފަރާތު ޑިއުޓީ ޕޯސްޓްގައި ޑިއުޓީއަށް ހުންނެވި ހދ. ކުޅުދުއްފުށީ، މާވާގޭ ކޯޕްރަލް ޙުސައިން އާދަމް ޑިއުޓީ ސަރުދާރަށް އެކަން އެންގުމަށްފަހު ރައްދުގައި ހަމަލާ ދޭން ފެއްޓެވިއެވެ. ޙުސައިން އާދަމް އާއި ސިފައިންގެއިން ދޭންފެށި ރައްދު ޙަމަލާގެ ސަބަބުން ދުޝްމިނުންނަށް ވަރުގަދަ ސިހުމެއް ލިބިގެން ދިއައެވެ.

އެހެނީ އެމީހުން ފަތިހުގެ ހިތްގައިމު ވަގުތުގައި ރާއްޖެ އެރީ ދިވެހިރާއްޖޭގެ މިނިވަންކަން އަތުލެވޭނެކަމުގެ އުންމީދުގައެވެ. ދިވެހި ސިފައިން ދެމުން ދިޔަ ރައްދު ހަމަލާތަކުގެ ސަބަބުން އެމީހުންގެ މަޤްސަދު ހާސިލް ވުމަށް ހުރަސް އެޅިގެން ދިޔައެވެ. ދުޝްމިނުންނާއި ދިވެހި ސިފައިންގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރެވިގެން ދިއައެވެ.

ޚާއްސަކޮށް ދިވެހި ޤައުމު އެ ދަރިޔަކަށްޓަަކައި ތާއަބަދުމެ ފަހުރުވެރިވާ ނަސްރުގެ ދުވަހުގެ ހީރޯ ޙުސައިން އާދަމް ޝަހީދުވީ ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރަމުން ގޮސް، އަތުގައި އޮތް އޭކޭ ފޯޓީ ސެވެންގެ ބަޑި އާއި އެކު ޙަމަލާތަކުން ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމަށްޓަކައި ލިބިފައިވާ ހުނަރުގެ ބޭނުންކުރައްވާ ހިތްވަރު ކުރުންމަތީ ދެމިހުންނަވާ، އަތުގައި އެވަގުތު ހުރި ހުރިހާ ވަޒަނެއް ހުސްވެގެންނެވެ.

ދުޝްމިނުން ދޭ ޙަމަލައާއި އެއްބާރުމިނެއްގައި  ސިފައިންގެ އިން ރައްދު ހަމަލަދޭން ފެށުމުން ދުޝްމިނުންނަށް ވަރުގަދަ ސިހުމެއް ލިބި މިސިހުމުގައި ތިބެގެން ޓެރަރިސްޓުން ދިން ހަމަލާތައް ބޭކާރުވެ މި ހަމަލާގެ މައި ލީޑަރު ކަމުގައިވާ ވަސަންތީ ކަނީރު ހިނގުމުގައި ހުރެފައި އަމީރު އަޙްމަދު މަގު ހުރަސްކޮށް، ޕޮލިސް ހެޑްކްއާޓަރޒްގެ ފާރުކައިރިއަށް ގޮސް، ދޮރާ ދިމާއަށް އެއްލި އަތުބޮމް ނުގޮވުމާއި، ސިފައިންގޭ ހުޅަނގު ދެކުނު ކަންމައްޗަށް ޙަމަލާދިން ގްރޫޕުން ފުރަތަމަ ފޮނުވާލި އާރު.ޕީ.ޖީގެ ރޮކެޓް ފާރާއި ލައްވާނުލައި މަތިން ދިއުން ވެގެން ދިޔައީ އެމީހުން އިތުރަށް މާޔޫސްވިކަމަކަށެވެ.

އަދި ދިވެހި ސިފައިންގެ ތެރެއިން ބަޔަކު ބޭރަށް ނުކުމެ ސާބިތުކަމާއެކު ދުޝްމިނުންނާ ކުރިމަތިލާ ދިވެހި ޤައުމުގެ ދިފާޢު ގައި ހަމަލާ ދޭންފެށުމުން ދުޝްމިނުންގެ ހިތުގައި އިތުރު ނުތަނަވަސްކަމަކާއި ބިރުވެރިކަމެއް އުފެދުނެވެ.

ހިއްވަރާއެކު މި ޙަމަލާގެ އިންޗާޖުކަމުގައިވާ ވަސަންތީ ޕޮލިސް ހެޑްކްއާޓާރޒް އާއި ދިމާއަށް ދާން މަގުހުރަސް ކުރަނިކޮށް، ސިފައިންގެއިން ދިން ބަޑީގެ ޙަމަލައެއް އޭނާގެ ގަޔަށް އަރައި ފާރުބުޑަށް ވެއްޓި މަރުވިއެވެެ. ދުޝްމިނުންގެ ގިނަހަމަލާތަކެއް ބޭކާރު ވުމާއި ގުރޫޕު ތަކުގައި ލީޑް ކުރަން ތިބި އިންޗާޖުން މަރުވެ، މުޅި ޙަމަލާގެ އިންޗާޖަކަށް ހުރި ވަސަންތީ މަރުވުން ވެގެންދިޔައީ ދުޝްމަނުންގެ ހިއްވަރު އެލި އެމީހުންގެ އަމާޒު ގެއްލިގެން ދިޔަ ކަމަކަށެވެ.

މީގެ އިތުރުން ލުތުފީ ދެއްކި ސިފައިންގެ ޗާޓާއި ސިފައިންގެއާ ދިމާނުވުމާއި، އޭނާ ބުނެފައިވާ ގޮތަށް ރަށުތެރެއިންނާއި ސިފައިންގެ ތެރެއިން އެމީހުންނާއި އެއްބައި ވާނެ ބަޔަކު ނުނިކުތުމާއި، މަގުމަގުގެ ކަންކަން މައްޗަށް އެއްވެ އެމީހުންނާއި ދިމާއަށް އާންމުން ގާއުކާ ހަދަންފެށުމާއި އެކު އެމީހުން ލުތުފީ ދެކެވެސް ހިތްހަމަނުޖެހި ފިލައިގެން ދިއުމަށް އެމީހުން އައި ބޯޓު ގައި ދަތުރު ފަށައެވެ. އަދި ހަމަ އެ ދަނޑިވަޅުގައި ދިވެހި ދައުލަތުން އެދިގެން އިންޑިއާ ސިފައިންގެ އެހީވެސް ވަނީ ރާއްޖެއަށް ލިބިފައެވެ.

ދުޝްމިނުން ފިލައިގެން ދިޔުމަށް ބޯޓުގައި ދަތުރު ފެށި ނަމަވެސް ރާއްޖޭގެ ސަރަޙައްދުން ބޭރު ނުވެވެނިސް ދިވެހި ސިފައިންވަނީ އިންޑިޔާގެ ސިފައިންގެ އެހީތެރިކަމާއެކު އެމީހުން އަތުލައިގަތެވެ. އަށާރަގަޑިއިރުގެ ދިގު ހަނގުރާމައަކަށްފަހު މާތް ﷲ ގެ ތަނަވަސް ރަޙްމަތްފުޅުން ދިވެހިންނަށް ކާމިޔާބު ލިބުނެވެ.

މިއީ ދިވެހިރާއްޖޭގެ އަމަން އަމާން ކަމާއި ސިޔާދަތާއި އިސްތިޤުލާލު ނަގާލުމަށް ދީފައިވާ ޙަމަލާއެކެވެ. ތަހުޤީގުން އެނގިފައިވާ ގޮތުގައި މި ހަމަލާ ދީފައިވަނީ އޭރު ދިވެހި ދަޢުލަތުގެ ރައީސަކަށް ހުންނެވި ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަން ވައްޓާލާ އެމީހުން ބޭނުންވާފަދަ މިނިވަންކަމުގައި ދިރިއުޅުމުގެ ފުރުސަތު ދިވެހިޤައުމުގައި ހޯދުމަށެވެ.

އެދުވަހުގެ އުދުވާނުގައި ދިވެހިންނަށް އެތައް ބައިވަރު ގެއްލުންތަކެއް ލިބިފައިވެއެވެ. މީގެތެރޭގައި މާލީގެއްލުމާއި، ނަފުސާނީ ގެއްލުމާއި، ޖިސްމާނީ ގެއްލުން ހިމެނެއެވެ. އާންމު ރައްޔިތުން ދުޝްމިނުންގެ ބަޑީގެ ނިވައި ފަތް ގަނޑަކަށް ހަދާ ޖިސްމާނީ ގޮތުން ބަލިކަށި ކޮށް ލޭ އޮހޮރުވުން ހިންގާ ޝަހީދުކުރިއެވެ.

މި ޙަމަލާގައި ސިފައިންގެ ބޭކަލުންނާއި އާންމު ރައްޔިތުން  ހިމެނޭނެހެން 19 މީހަކު ޝަހީދުވެފައިވެއެވެ.

އަޅުގަނޑުމެން މިއަދު މި ފާހަގަ ކުރާ ނަސްރުގެ ދުވަހަކީ އިސްލާމް ދީނާއި މި ލޮބުވެތި ވަތަން ގެ ދިފާޢުގައި ހަނގުރާމަ ކޮށް ދިވެހި ގައުމަށް ނަސްރު ލިބުނު ދުވަހުގެ ޒިކުރާ އައު ކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް