މަންދޫ ބޭރުން އޮޔާދިޔަ ބޯޓުގައި މަސްތުވާތަކެތި – ކޯސްޓްގާޑުން އެ ބޯޓު ހިފަހައްޓައިފި

މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްޗާއެކު ރާއްޖޭގެ ސަރަޙައްދުން، ބޭރުގެ މަސްބޯޓެއް މިއަދު ހިފަހައްޓައިފިއެވެ. އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި މަސްބޯޓު ހިފަހައްޓާފައިވަނީ، ގޮތްނޭނގޭ އުޅަނދެއް...

03 Nov 2019 | 10:06

މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެއްޗާއެކު ރާއްޖޭގެ ސަރަޙައްދުން، ބޭރުގެ މަސްބޯޓެއް މިއަދު ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި މަސްބޯޓު ހިފަހައްޓާފައިވަނީ، ގޮތްނޭނގޭ އުޅަނދެއް ރާއްޖޭގެ ސަރަޙައްދުން ދަތުރުކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، އއ.މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުގައި އެ މަސްބޯޓު އޮއްވައި، މިއަދު ހެނދުނު 11:40 ހާއިރުއެވެ.

"އަދި، މި މަސްބޯޓަށް ސިފައިންނާއި ފުލުހުން އަރައި، ބެލިބެލުމުގައި އެބޯޓުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައެވެ. އެހެންކަމުން، އެ ބޯޓު އިތުރަށް ބަލައި ޗެކްކުރުމުގެ ގޮތުން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ." ސިފައިން ބުނެފައިވެއެވެ.

ފުލުހުން ކުރިން ބުނެފައިވާގޮތުގައި މަންދޫ ބޭރުން ރާއްޖެއިން ބޭރުގެ ލަކުޑި ބޯޓެއްގެ އިންޖީނު ހުއްޓިގެން މަންދޫއާއި ދިމާއަށް އޮޔާ ދާކަމުގެ މައުލޫމާތު މިއަދު 08:20 ހާއިރު ފުލުހުންނަށް ލިބިފައިވެއެވެ.

"މި މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކޯސްޓްގާޑަށް މައުލޫމާތު ދީފައި، ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސްފައި، ފުލުހުން އެބޯޓަށް އަރާ ބެލިއިރު މިއީ އިރާންގ ބޯޓެއްކަން ވަނީ އެނގިފައި އަދި މި ބޯޓުގައި އިރާނުގެ ހަތް ފިރިހެނުން ތިބި" ފުލުހުން ކުރިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް