އޭޝިއަން ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝޫޓިންގ އެސޯސިއޭޝަންގެ ޓީމުގެ ފުރައިފި

އޭޝިއަން ޝޫޓިންގ ކޮންފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އޭޝިއާގެ އެންމެ ބޮޑު ޝޫޓިން މުބާރާތްކަމަށްވާ "14 ވަނަ އޭޝިއަން ޗެމްޕިއަންޝިޕް" ގައި ބައިވެރިވާ ރާއްޖޭގެ ޝޫޓިންގ ޓީމު މިރޭ ޤަތަރަށް ފުރައިފިއ...

03 Nov 2019 | 05:54

އޭޝިއަން ޝޫޓިންގ ކޮންފެޑެރޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އޭޝިއާގެ އެންމެ ބޮޑު ޝޫޓިން މުބާރާތްކަމަށްވާ "14 ވަނަ އޭޝިއަން ޗެމްޕިއަންޝިޕް" ގައި ބައިވެރިވާ ރާއްޖޭގެ ޝޫޓިންގ ޓީމު މިރޭ ޤަތަރަށް ފުރައިފިއެވެ.

މިއަދުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ޤަތަރުގެ ދޯހާގައި ކުރިއަށްގެންދާ އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހި ޝޫޓިންގ ޓީމުގައި، ހަ އެތުލީޓުންނާއި ހެޑް ކޯޗަކާއި، ޓީމު މެނޭޖަރެއް ހިމެނެއެވެ. މިގޮތުން، އަންހެން ތިން އެތުލީޓުންނާއި، ފިރިހެން ތިން އެތުލީޓުން ޓީމުގައި ވަނީ ހިމަނާފައެވެ. ޓީމުގައި ހިމެނިފައިވާ އެތުލީޓުންނަކީ، ސާޖަންޓް ފަސްޓް ކްލާސް ޢަބްދުﷲ މުޙައްމަދު އާއި ސާޖަންޓް އަޙްމަދު އިބްރާހީމާއި، ސާޖަންޓް ޝަރަފިއްޔާ ޢަބްދުއްރަޙްމާނާއި، ކޯޕްރަލް ރިއުޝާ މުޙައްމަދާއި ލާންސް ކޯޕްރަލް އާސިފާ ޖައުފަރު އަދި ޕްރައިވެޓް ޒިޔާން ޒިޔާޢު އެވެ. މި ޓީމުގެ ހެޑްކޯޗަކީ، ސާޖަންޓް ފަސްޓް ކްލާސް ޙަސަން ޢަބްދުލްޣަފޫރެވެ. އަދި ޓީމު މެނޭޖަރަކީ، ސްޓާފް ސާޖަންޓް އަޙްމަދު ސިރާޖެވެ.

އޭޝިއަން ޝޫޓިން ޗެމްޕިއަންޝިޕްގައި ޝޫޓިންގ ޓީމުން ވާދަކުރާ އިވެންޓްތަކުގެ ތެރޭގައި، 50 މީޓަރ 03 ޕޮޒިޝަން ރައިފަލް މެންސް އިވެންޓާއި، 50 މީޓަރ ޕްރޯން ރައިފަލް މެންސް އިވެންޓް، 10 މީޓަރު އެއަރ ޕިސްޓަލް މެންސް އިވެންޓް އާއި، 25 މީޓަރު ސްޕޯޓްސް ޕިސްޓަލް ވިމެންސް އިވެންޓާއި ، 10 މީޓަރ އެއަރ ރައިފަލް ވިމެންސް އިވެންޓް ހިމެނެއެވެ.

ޝޫޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤައުމީ ޓީމް މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ ވިލިމާލޭގައި ހުންނަ 25 މީޓަރ އަދި 50 މީޓަރ ވަގުތީ ރޭންޖްގައާއި، ހެންވޭރު މުނިއުފާގައި ހުންނަ 10 މީޓަރ އިންޑޯރ ވަގުތީ ރޭންޖުގައެވެ. މި ޓީމް މިމުބާރާތައް ފަރިތަކުރަން ފައްޓާފައި ވަނީ މީގެ 5 މަސް ދުވަސްކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް