ވަގަށް ނަގާފައިވާ ސާމަނުތަކެއް ހިފައިގެން ދިޔަ މީހަކު ހުޅުމާލެ-ހުޅެލެ ހައިވޭ އިން ފުލުހުން ހައްޔަރުކޮށްފިއެވެ.
ރޭ ފަތިހު 5:00 ހާއިރު ފުލުހުން މިމީހާ ހައިވޭ އިން ހައްޔަރުކޮށްފައި ވަނީ މިމީހާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެންނެވެ. ފުލުހުން ވިދާޅުވީ، މިމީހާ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބަލައި ފާސްކުރިއިރު އެމީހާގެ އަތުން ހަ ފޯނާއި، ދެ ވޮލެޓް އަދި ބޮޑީ ސްޕްރޭ ފުޅިއެއްގެ އިތުރުން 235 ރުފިޔާ ފެނިފައިވާ ކަމަށެވެ.
އެމީހާ އަތުން ފެނިފައިވާ ފޯނުތަކަކީ ބިދޭސީންތަކެއްގެ ފޯނުތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި ފޯނުތަކާއި ވޮލެޓުތައް އޭގެ ވެރިފަރާތާއި ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ހައްޔަރުކުރި 32 އަހަރުގެ ފިރިހެން މީހާގެ އަތުގައި ލައިސަންސް ނެތް ކަމަށާއި، އޭނާ އަޅައިގެން އިނީ ޤަވާއިދަށް ނުފެތޭ ހެލެމެޓެއް ކަމަށްވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން، އޭނާ ދުއްވަން އިން ސައިކަލަކީ ހުރިހާ ސްޓިކާއެއްގެ މުއްދަތު ހަމަވެފައިވާ ސައިކަލަކަށްވުމުން، ޓްރެފިކް ޤާނޫނުގެ ދަށުން އޭނާއަށް ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް