ކުރީގެ އަދަދާ ގުޅޭ...
"ސަމްތިންގ ހެޕެންޑް އެންޑް ޝައި އަތުން ގެއްލުނީ..." ޝައިލާ ބުނެލި އަޑު އިވުނެވެ.
"ވަޓް... ވަޓް ހެޕެންޑް؟" ޝައިލާގެ ޖުމްލަ ނުނިމެނިސް ނަޒާން އަހައިލިއެވެ. ނަޒާންގެ ލޮލުގެ އެސްފިޔަތަށް މިހާރު ހުރީ ތެމިފައެވެ.
ނަޒާންގެ ސުވާލު އިވުމުން ޝައިލާގެ މޫނު އަނބުރައިލީ އަނެއްފަރާތަށެވެ. އެސުވާލަށް އެއްވެސް ޖަވާބެއް ނައުމުން ދެފަހަރަކު ނަޒާން ގޮވައިލިއެވެ.
"ޝައި؟" ޝައިލާގެ ކޮނޑުގައި އަތް ބާއްވައިލަމުން ނަޒާން އަނެއްކާވެސް ގޮވައިލިއެވެ. ނަޒާންގެ އަތުގެ ބީހުން އިހުސާސުވި ވަގުތު ޝައިލާ ދިޔައީ ސިއްސައިގެންނެވެ. ތެޅިގަތުމަށްފަހު ނަޒާންގެ އަތް ފޮޅުވައިލެވުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
ޝައިލާގެ އެ ހާސްވެފައިވާ މޫނުން ނަޒާނަށް އެވަގުތު ސިފަވަމުން ދިޔައީ އެރޭގެ މަންޒަރުތަކެވެ. އަންހެން ކުއްޖެއްގެ އިއްޒަތާއި އަބުރު ނަގައިލި އެމަންޒަރު ސިފަވުމުން ނަޒާން ސިހުނެވެ. އަދި ޝައިލާ އާއި ދުރަށް ޖެހިލިއެވެ. އެވަގުތު ނަޒާންގެ މެޔަށްވެސް ނުބައި ގޮތެއް ވަމުން ދިޔައެވެ. މުޅި އަތުންނާއި ފައިންވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ. ޝައިލާގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު ސިފަވަނީ އެމަންޒަރެވެ. އެތިން މީހުން ހުރިހާ ކަމެއް ކުރީ ނަޒާން ބަލަން އިންދައެވެ. ޝައިލާ ދެފަޔަށް ލަމުންދިޔަ ހުރިހާ ބާރެއް ހިންދަމުން ދިޔައީ އޭނާގެ ބާރުގަދަ ދެއަތުންނެވެ. ސަލާމަތަށް އެދި ކަރުބުޑުން ހަޅޭއްލަވަން ފެށުމުން އަނގަޔަށް ފޮތިގަނޑެއްވެސް ކޮށްޕައިލީ ހަމަ އޭނާގެ ދެއަތުންނެވެ. އެވަގުތު އެއްވެސް ބިރެއް ނުގަތެވެ. ބޭނުންވީ އޭނާއަށް ވެސް އެވަރުކަމެއް ކުރެވޭނެކަން ރައްޓެހިންނަށް ސާބިތުކޮށްދޭށެވެ.
އަހަރުތަކެއް ފަހުން އެއަންހެން ކުއްޖާއާއި ދިމާވެ، ނޭންގުމެއްގެ ތެރޭގައި މިވަނީ އިންތިހާޔަށް ލޯބިވެވިފައެވެ. އެކުއްޖާ އެހުރީ އޭނާގެ ކުރިމަތީގައެވެ. އޭނާގެ ކައިރީ އަތް ފޯރާ ހިސާބުގައެވެ. މީހާ މުޅިން ބިރުން ހަލާކުވަނީ އެވެ. އޭނާގެ ހަގީގަތް ޝައިލާ އަށް އެނގިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟
ޝައިލާގެ މޫނަށް ބަލައިލި ވަގުތު ޝައިލާ ވެސް ބަލައިލިއެވެ. އެބޮޑު ދެލޮލާއި އޭނާގެ ދެލޯ ދިމާވި ވަގުތު ހިތާއި މެޔަށް ވެސް ކުއްލި ރާޅެއް ޖެހިއެވެ. އަނގައިން އަޑެއް ލައްވައިލުމަށްފަހު ނަޒާނަށް އަނގަމަތީ އަތް އަޅައިލެވުނީ ކިރިޔާއެވެ. ދެފަޔަށް ބާރުލާފައި އެތަނުން ދާން ދުއްވައިގަތެވެ. ކުއްލި ސިހުމަކާއި އެކީ ޝައިލާ އަށްވެސް ނަޒާންގެ ފަހަތުން ދުއްވައިގެނެވުނެވެ. ބަދިގޭގައި ހުރި ތަށި ދޮންނަ ސިންކު ކައިރިއަށް ނަޒާނަށް ދެވުނީ ހަމަ ކިރިޔާއެވެ. އަނގަފުރާ އެލެވުނީ ހޮޑެވެ. އެއަޑަށް ނާޒިމާގެ އިތުރުން ނުހާ ވެސް އައިސް މަޑުކޮށްލިއެވެ. ޝައިލާ އަށް ހުރެވުނީ ދުރުގައި މަންޒަރު ބަލާށެވެ. ނަޒާން ކެއްސަ ކެއްސާފައި ބަނޑު ހުސްވަންދެން ހޮޑުލިއެވެ. އޭނާގެ ލޮލުންވެސް ދިޔައީ ފެން އަންނަމުންނެވެ.
"ދަރިފުޅާ ކިހިނެއް ތިވަނީ؟ ނުހާ ގެނެސްބަލަ އަވަހަށް ފެންތައްޓެއް" ނަޒާންގެ ބުރަކަށީގައި ފިރުމަމުން ނާޒިމާ ވާހަކަ ދެއްކިއެވެ. ނުހާ އަވަހަށް ދުއްވައިގަތީ ނަޒާނަށް ފެންތައްޓެއް ގެނެސްދިނުމަށެވެ. އެވަގުތު ދޮރު ކައިރީ ބަލަން ހުރި ޝައިލާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އަޅައިވެސް ނުލައި ނުހާ އަވަސްވެގަތީ ނަޒާނަށް ފެންތައްޓެއް ގެނެސްދޭށެވެ.
އަނގަތެރެ އާއި މޫނު ދޮވެލައިގެން ނަޒާން ސިންކު ކައިރިން ދުރުވެލިއެވެ. އޭރުވެސް އޭނާއަށް ފުން ނޭވާތަކެއް ލެވި ކެއްސަމުން ދިޔައެވެ. އުނުގަނޑުގައި ދެއަތް ވިއްދައިގެން ހުރެ ދާން ހިނގައިގަތީ އިޝާރާތުން ޝައިލާ ކައިރީ ފަހަތުން އައުމަށް ބުނެފައެވެ. ނަޒާންގެ ފަހަތުން ޝައިލާ ހިނގައިގަތުމުން ނުހާ މަޑުޖެހެލިއެވެ. ނަޒާން ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ.
"ނުވަންނާނަންތަ؟" ދޮރުމަތީގައި ޝައިލާ ބަލަން ހުރުމުން ނަޒާން އަހައިލިއެވެ. އެއަޑަށް މަޑުމަޑުން ޝައިލާ އެތެރެއަށް ވަނެވެ. ޝައިލާގެ ފަހަތުން ނާޒިމާ ވެސް އައިސް އެނދުގައި އިށީނެވެ. ޝައިލާ ހުރީ ކޮޅަށެވެ.
"ކިހިނެއްވީ ދަރިފުޅާ؟ ބަލީތަ؟" ނަޒާންގެ ނިތްކުރީގައި އަތް ޖައްސައިލަމުން ނާޒިމާ އަހައިލިއެވެ. ނަޒާން ބޯ ހޫރައިލިއެވެ.
"ކަމެއް ގޯސްވަންޏާ މަންމައަށް ގޮވާލާތި..." އެހެން ބުނުމަށްފަހު ނާޒިމާ ނިކުމެގެން ދިޔައީ އެވެ.
މަންމަ ނިކުމެގެން ދިއުމުން ނަޒާނަށް އޮވެވުނީ ކައިރީ ކޮޅަށް ހުރި ޝައިލާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހެން އޮއްވައި ނަޒާންގެ ލޯ މެރިއްޖެއެވެ. ނަޒާނަށް ވަރުބަލިވެގެން ނިދުނީއެވެ. ހަދާނެ ގޮތެއް ނޭންގިގެން ޝައިލާ ދެފަރާތަށް ހިނގަން ފެށިއެވެ. އެއްފަހަރު ނަޒާން ކައިރީ އެނދުގައި އިށީންދެ ގޮވަން ވެސް އުޅުނެވެ. ނަމަވެސް ގޮވާކަށް ނުކެރުނެވެ. ލޯމެރިފައި އޮތް ނަޒާންގެ މޫނަށް ބަލަން އިނދެވުނީ އެވެ. ޝައިލާ ސިއްސައިގެން ދިޔައީ ފައިގައި އެއްޗެއް ޖެހުމުންނެވެ. ތިރި ބަލައިލިއިރު ފައި ކައިރީ އޮތް ކަރުދާސްގަނޑު ނަގައި ބަލައިލިއެވެ.
އެކަރުދާސްގަނޑު ފެނުމުން ޝައިލާ އަށް ކޮޅަށް ތެދުވެވުނެވެ. އެއީ ކެމެރާއަކުން ނަގާފައިވާ ފޮޓޯއަކަށްވުރެ ވެސް ފުރިހަމަ ކުރެހުމެކެވެ. އެއީ އޭނާގެ ސޫރަ އެވެ. ޝައިލާ ދެން ބަލައިލީ ނިދިފައި އޮތް ނަޒާނަށެވެ. އަދި ހިނިތުންވެލިއެވެ. ނަޒާން މިހާ މޮޅަށް ކުރަހާކަމެއް ކުރިއަކުން ނޭންގެއެވެ. މޭޒުމަތީ އިތުރު ކަރުދާސް ހުރުމުން ޝައިލާ ގޮސް ފަހަރަކު ކަރުދާހެއް ބަލަން ފެށިއެވެ. ހުރިހާ ކަރުދާހަކުން ފެންނަންހުރީ އޭނާގެ ސޫރައެވެ. މިހާ ފުރިހަމަ ކުރެހުމެއް މުޅި ހަޔާތުގައި ވެސް ނުދެކެއެވެ.
"ޝައި" ޝައިލާ ސިހުނީ ނަޒާން ފަހަތުން ގޮވައިލުމުންނެވެ. ޝައިލާ ބަލައިލިއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ.
"މީ މި... މީ ކޮންކަމެއް؟" އަތުގައިހުރި ކަރުދާސްތައް ދައްކައިލަމުން ޝައިލާ އެންމެ ފުރަތަމަ ވެސް އަހައިލީ އެހެންނެވެ. ނަޒާންގެ ލޮލުން އަދިވެސް ފެންނަނީ ވަރުބަލިކަމެވެ.
"ތީ ހަމަ..." ދޭނެ ޖަވާބެއް ނަޒާނަކަށް ނޭންގުނެވެ.
"އޯ މައި ގޯޑް... ޒާން ކުރަހަންތަ؟ ދިސް އިޒް ޖަސްޓް... އޯސަމް" ޝައިލާގެ މޫނުމަތީވި ފުޅާ ހިނިތުންވުން ފެނުމުން އަނެއްކާވެސް ނަޒާންގެ މޭގައި ރިއްސައިލިއެވެ.
"ކެން އައި ހަގް ޔޫ؟"އިހުތިޔާރަކާ ނުލައި ނަޒާނަށް އަހައިލެވުނެވެ. އެއަޑަށް ޝައިލާގެ ހަރަކާތްވެސް ހުއްޓުނެވެ. އެކަމަށް އޭނާގެ ހިތް ހުއްދަ ދޭނެ ހެއްޔެވެ؟
އެހުނީ މޮޔަ ސުވާލެއްކަން އެނގުމުން ނަޒާން އިސް ޖަހައިލިއެވެ. އަދި ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ. ނަޒާން ސިހުނީ ޝައިލާ އައިސް އޭނާގެ ހަށީގައި އަތް ވަށައިލައި އެހަށިގަނޑުގައި ލެނގިލުމުންނެވެ. އެވަގުތު ނަޒާންގެ ލޮލުން ކަރުނަ ހިލުނެވެ. ނަޒާންގެ އަތް ޝައިލާގެ ބުރަކަށީގައި ވަށައިލެވުނީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.
"ޒާން ޔޫ އޯކޭ؟" ނަޒާންގެ މޭގައި މޫނު ފޮރުވައިލަމުން ޝައިލާ އަހައިލިއެވެ. ނަޒާން "ހޫމް" އަޅުވައިލިއެވެ. އޭނާގެ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ނިކުންނަން ހުރީ ތައްޔާރަށެވެ. ޝައިލާ އަށް ނޭންގޭނެހެން ނަޒާން ލޯ ފުހެލިއެވެ.
"ޒާން ދުވަހަކުވެސް ޝައި ދޫކޮށްނުލައްޗޭ" ޝައިލާގެ ތުންފަތުން ފުރޭނިގެން ނިކުތް ބަސްތައް އިވިފައި ނަޒާންގެ ހިތުގެ ހިނގުން އަވަސްވިކަހަލަ އެވެ. ނޭންގި ހުއްޓައި މިއަންހެން ކުއްޖާދެކެ އިންތިހާޔަށް ލޯބިވެއްވިއްޖެ އެވެ. އުމުރު ދުވަހު މި ލޯބި ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ހެއްޔެވެ؟
"ޝައި ދުވަހަކު ވެސް ޒާން ދޫކޮށްލާނަންތަ؟" ކުރަކި އަޑަކުން ނަޒާން އަހައިލިއެވެ.
"ނޫން... އައި ފީލް ސޯ ޕްރޮޓެކްޓިވް އިން ޔުއަރ އާމްސް" ލޯ މަރައިލަމުން ޝައިލާ ބުނެލިއެވެ. ނަޒާންގެ ލޯ ވެސް އެއަޑަށް މަޑުމަޑުން މަރައިލެވުނެވެ. އޭނާގެ ކޯކަށިގަނޑު ހަރަކާތްކުރަމުން ދިޔައީ ވަރަށް ހަލުވިކޮށެވެ. އެންމެ ބޭނުންވަނީ ޝައިލާ އާއި ވެވުނުހާ ބޮޑަކަށް ކައިރިވާށެވެ. ނަމަވެސް އުނދަގޫވަނީ އެވެ. ހިތަށާއި ބޮލަށް ވެސް އުނދަގޫ ވަނީ އެވެ. އޭނާގެ ދެއަތުގެ ހިމާޔަތް ހޯދައިގެން ޝައިލާ ހުރިއިރު، އެއީ އެފެންވަރުގެ މީހެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ؟
"ޝައި ހިނގާ ގެއަށް ދާން؟" އިރުކޮޅަކު އެހެން ހުރުމަށްފަހު ނަޒާން އަހައިލިއެވެ. ޝައިލާ ވެސް ބޭނުންވީ މިވަގުތު ގެއަށް ދާށެވެ. ނަމަވެސް ނަޒާންގެ ހަށިން ދުވަމުންދިޔަ މީރު ވަހުން އޭނާ އެވަނީ މަސްތުވެފައެވެ.
"ޔޫ ސްމެލް ސޯ ގުޑް" ފުން ނޭވާއެއް ދޫކޮށްލަމުން ޝައިލާ ބުނެލިއެވެ. ހިނިތުންވުން ފިޔަވައި ނަޒާން އިތުރު އެއްޗެއް ނުބުނެއެވެ.
"އޯކޭ ހިނގާ... އައިސް ޒާން ވާނެ ރެސްޓް ކުރަން... މިރޭ ޔޫ ހެޑް އަ ޗާންސް ދޯ އަސްލު އެއްކަލަ ދުވަހުގެ ބަދަލު ހިފަން... ޝައި ގަޔަށް ހޮޑުލީނަމަ..." ނަޒާން އާއި ދުރުވެލަމުން މަޖާ ރާގަކަށް ޝައިލާ ބުނެލިއެވެ.
"މިހާ ލޯބި ކުއްޖަކު ގަޔަށް ކާކުތަ ހޮޑު ލާނީ" ޝައިލާގެ ކޮލުގައި ޝަހާދަތް އިނގިލި ހާކައިލަމުން ނަޒާން ބުނެލިއެވެ.
"ޝައިއަށް ލިބޭނެތަ މިތަނުން ކުރެހުމެއް؟" ދާން ހިނގައިގަންނަމުން ޝައިލާ އަހައިލިއެވެ. ނަޒާން ބޯ ޖަހައިލުމަށްފަހު އޭނާއަށް އެންމެ ކަމުދާ ކުރެހުން ޝައިލާއަށް ދިއްކޮށްލިއެވެ.
"އަދި ބޭނުން" ޝައިލާ ބުނެލިއެވެ.
"ދެން ކުރަހާފަ ދޭނަން... ކުލަ ޖައްސާފަ" ނަޒާން ބުނެލިއެވެ. އެގޮތް ޝައިލާ އަށް ވެސް ކަމުދިޔައެވެ.
***
ޝައިލާ ގެއަށް ލާފައި ނަޒާން އައީ ކުރެހުމަށް ބޭނުންވާ ބައެއް ސާމާނު ގަނެގެންނެވެ. ގޭ ދޮރުމަތީގައި ސައިކަލު ޕާކުކޮށްލުމަށްފަހު އެނބުރުނު ވަގުތު ސިހުނީ ކުރިމަތީގައި ހުރި ކަޅު ހިޔަނި ފެނިފައެވެ. އެ ސަރަހައްދު އަނދިރި ނަމަވެސް އެއީ ކާކުކަން ނަޒާނަށް އެނގުނެވެ.
މަގުގައި މީހުން މަދު ނަމަވެސް ކޮންމެވެސް ވަރަކަށް ސައިކަލު ދުއްވަމުން ދިޔައެވެ. އެމީހާ ގައިން ނެއްޓުމަށްފަހު ނަޒާން ކުރިއަށް ދާން ހިނގައިގަތެވެ.
"އެހާ ފަސޭހައިން ސަލާމަތް ވެވޭނެއޭ ހީނުކުރައްޗޭ" ފަހަތުން އިމާދުގެ އަޑު އިވުމުން ނަޒާންގެ ހިނގުން ހުއްޓުނެވެ. އެއަޑަށް ސަމާލުކަން ނުދީ ނަޒާން ދާން ހިނގައިގަތެވެ.
"ނުވައެއް ތިނެއް ސުމެއް ސުމެއް ސުމެއް އެކެއް އެކެއް" އިމާދު އަޑަށް ބާރުލާފައި ކީ ނަމްބަރުތައް އިވިފައި ނަޒާން ފަހަތް ބަލައިލިއެވެ.
"އެ ނަމްބަރަށް ގުޅާފަ ކަލޭގެ ހަގީގަތް ކިޔާދެންތަ؟" އިމާދު ބުނެލިއެވެ. ބާރު ހިނގުމުގައި އައިސް ނަޒާން ހިފީ އިމާދުގެ ކަރުގައެވެ. އަތަށް ބާރުލާފައި ނަޒާންގެ އަތް އިމާދު ފޮޅުވައިލިއެވެ.
"ކަލޭ މަށަށް ކަމެއް ކުރުމުގެ ކުރިން މަ ކަލޭ އެހެންނޫނީ އެމަންޖެގެ ދުވަސް ދުއްވާޔާނަން... ކަލޭ ހީނުކުރައްޗޭ އަހަރުން މަޑުން ތިބޭނޭ... ކުރިންފަހަރު ރޭޕެއްނު ކުރީ... އެއަށްވުރެ ބޮޑުވަރު ކޮށްލާނަން ބަލައްޗޭ" އަނދީރީގެ ތެރެއިން އިމާދުގެ ބޮޑު ދެލޯ ވިދަމުން ދިޔައެވެ. އެ ޖުމްލަތައް އިވިފައި ނަޒާންގެ ރުޅިގަނޑު ފަޅައިގެން ދާން ކައިރިވިއެވެ.
"ކަލޭ ޝައިލާއާ ވައިވެސް އެޅުނުކަން އެނގެއްޖިއްޔާ މަގޭ މިދެއަތުން ކަލޭ މާރާލާނަން" އިމާދުގެ ނިތްކުރީގައި ޝަހާދަތް އިނގިލި ޖައްސައިލަމުން ނަޒާން ބުނެލިއެވެ.
"މައެ ބަލާނަމޭ ވާގޮތެއް... މައަތުން ކަލޭ ނޫނީ އެމަންޖެތޯ... ނޫނީ ކައެ އަތުން މަ ތޯ..." އިމާދުގެ ބަރު އަޑުން މިހެން ބުނުމަށްފަހު ނަޒާންގެ މޭގައި އަތް އަޅައި ކޮށްޕައިލިއެވެ. ފަހަތަށް ގޮސް ނަޒާން ނުވެއްޓުނީ ކިރިޔާއެވެ. ނަޒާން ބަލައިލަންވާއިރަށް އިމާދު ގޮސް ގެއްލިއްޖެ އެވެ.
ފުން ނޭވާތަކެއް ދޫކޮށްލަމުން ނަޒާން ފުރަތަމަ ގުޅައިލީ ޝައިލާ އަށެވެ. ނަސީބަކުން ވަރަށް އަވަހަށް ޝައިލާ ފޯނު ނަގައިފިއެވެ. ނިދިއަޑަކުން ޝައިލާ، ނަޒާންގެ ނަމުން ގޮވައިލިއެވެ.
"ޝައި ނިދަނީތަ؟ ހޭލަބަލަ ވަރަށް ބޮޑު ވާހަކައެއް ބުނަން" އަވަސް އަވަހަށް ނަޒާން ބުނެލިއެވެ. ނަޒާންގެ އަޑު އައި ގޮތުން ޝައިލާގެ ނިދިވެސް ފިލައިފިއެވެ.
"އެއްވެސް ނުދަންނަ ނަމްބަރަކުން ގުޅައިގެން ފޯނު ނުގައްޗޭ ޕްލީޒް އިނގޭ... އަދި ޒާންއަށް ނޭންގި ބޭރަށް ވެސް ނުދައްޗޭ" ގޭތެރެއަށް ހިނގައިގަންނަމުން ނަޒާން ބުނެލިއެވެ. ނަޒާން ދައްކަމުން ދިޔަ ވާހަކަ އިވިފައި ޝައިލާ އެތައް ސުވާލެއް ކުރިއެވެ.
"އިތުރު ސުވާލެއް ނުކޮށް ޒާން ބުނާގޮތް ހަދާނަންތަ؟" ހަމަޖެހިލަމުން ނަޒާން އަހައިލިއެވެ. އިތުރު ސުވާލެއް ނުކޮށް ޝައިލާ އެއްބަސްވިއެވެ.
"ގުޑް ގާލް... ބޭރަށް ދަންޏާ ޕްލީޒް ބުނެފަ ދައްޗޭ އިނގޭ" އަނެއްކާވެސް ނަޒާން ހަނދާންކޮށްދިނެވެ. ޝައިލާ އެކަމާ އެއްބަސްވަމުން ފޯނު ބޭއްވިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް